Roadha Mihaaru

ލެސްޓަ ސިޓީގެ ކޯޗު ނިސްޓެލްރޫއީ މަގާމާ ދުރަށް

ލެސްޓާ (ޖޫން 28) - މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓަ ސިޓީގެ ކޯޗު ރުޑް ވެން ނިސްޓެލްރޫއީގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

ލެސްޓަ ސިޓީގެ ކޯޗު ނިސްޓެލްރޫއީ މަގާމާ ދުރަށް

ލެސްޓާ (ޖޫން 28) - މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓަ ސިޓީގެ ކޯޗު ރުޑް ވެން ނިސްޓެލްރޫއީގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ، ލެސްޓާއާ ހަވާލުވީ ކުލަބް އުނދަގޫ ހާލަތެއްގައި އޮއްވައި، ނޮވެމްބަރު މަހުގެ ފަހުކޮޅު، މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމުގައި ހުރެފަ އެވެ.

ކުލަބު އުނދަގޫ ހާލަތެއްގައި އޮއްވައި ހަވާލުވެ، ކޮށްދިން މަސައްކަތްތަކަށް ލެސްޓާ ސިޓީ އިން ނިސްޓެލްރޫއީ އަށް ޝުކުރު އަދާކުރަމުން ކްލަބުން ބުނީ އޭނާ ޓީމު ދޫކޮށް ދަނީ މުޅި ކުލަބުގެ ފުރިހަމަ އިހުތިރާމު ލިބިގެން ކަމަށެެވެ.

ލެސްޓާ ސިޓީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވީ ކުރީ ސީޒަންގެ އީއެފްއެލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެންނެވެ. ނިސްޓެލްރޫއީއާ އެކު ފުރަތަމަ ދެ މެޗުން ލީގުގައި ހަތަރު ޕޮއިންޓް ހޯދި ނަމަވެސް، ދެން ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗުން ބަލިވުމާ އެކު، އެއްވަނަ ޑިވިޝަނުގައި ދެމި އޮތުމުގެ ފުރުސަތު އެ ޓީމަށް ގެއްލުނެވެ.

މި މުއްދަތުގައި ލެސްޓާ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ވިދިވިދިގެން ނުވަ މެޗުން ލަނޑެއް ނުޖެހި ބަލިވެފަ އެވެ. މިއީ ވެސް އިނގިރޭސި އެއްވަނަ ޑިވިޝަންގެ ރެކޯޑެކެވެ.

ލެސްޓާއާ އެކު ޕްރިމިއާ ލީގުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ އިޕްސްވިޗް ޓައުން އާއި ސައުތެމްޓަން އެވެ. އެ ތިން ޓީމު ޕްރޮމޯޓް ވީ ވެސް އެކުގަ އެވެ. އަދި ރެލިގޭޓް ވީ ވެސް އެކުގަ އެވެ.

ލެސްޓަގެ ނަން ފުޓްބޯޅައިގައި ވިދާލީ، 2016 ގައި ކޯޗު ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގު ތަށި ހޯދުމުންނެވެ. އެއަށް ފަހު އެ ޓީމު ރެލިގޭޓްވީ 2023 ވަނަ އަހަރެވެ.

އޮގަސްޓް މަހު އަލުން ޗެމްޕިއަންޝިޕް ސީޒަން ފަށާއިރު، ލެސްޓަ ސިޓީއަށް ވަނީ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތު ކުރެވިފަ އެވެ. އަދި މިއާ ގުޅިގެން އެ ޓީމު އަތުން ޕޮއިންޓު އުނި ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.