Roadha Mihaaru

ވޯގް މެގަޒިންގެ ޗީފް އެޑިޓަރު 37 އަހަރު ފަހުން އިސްތިއުފާދެނީ

ދުނިޔޭގެ އެންމެ މަގުބޫލު ފެޝަން އެންޑް ލައިފްސްޓައިލް މަޖައްލާ، ވޯގް މެގަޒިންގެ ޗީފް އެޑިޓަރު އެނާ ވިންޓުއާ 37 އަހަރު ފަހުން އެ މަގާމުން އިސްތިއުފާދޭން ނިންމައިފި އެވެ.

ވޯގް މެގަޒިންގެ ޗީފް އެޑިޓަރު އިސްތިއުފާދެނީ

ދުނިޔޭގެ އެންމެ މަގުބޫލު ފެޝަން އެންޑް ލައިފްސްޓައިލް މަޖައްލާ، ވޯގް މެގަޒިންގެ ޗީފް އެޑިޓަރު އެނާ ވިންޓުއާ 37 އަހަރު ފަހުން އެ މަގާމުން އިސްތިއުފާދޭން ނިންމައިފި އެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެރައިޓީން ރިޕޯޓްކުރި ގޮތުގައި، އެނާ އެ މަގާމުން އިސްތިއުފާ ދޭން ނިންމައި އެ މެގަޒިންގެ ސްޓާފުންނަށް އީމެއިލްއަކުން މިހާރު ވަނީ އެކަން އަންގައިފަ އެވެ. އަދި އެ މަގާމަށް އެހެން މީހަކު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެނާ ޗީފް އެޑިޓަރުކަމުން އިސްތިއުފާ ދިން ނަމަވެސް، އެ މެގަޒިން ނެރޭ ކުންފުނި ކޮންޑޭ ނާސްޓުގެ ޗީފް ކޮންޓެންޓް އޮފިސަރުގެ މަގާމާއި ވޯގްގެ ގްލޯބަލް އެޑިޓޯރިއަލް ޑައިރެކްޓަރުގެ މަގާމުގައި އޭނާ ދެމިހުންނާނެ ކަމަށް ވެރައިޓީން ބުންޏެވެ.

ކޮންޑޭ ނާސްޓަކީ ވޯގްގެ އިތުރުން ދަ ނިއު ޔޯކާ އާއި ޖީކިއު އާއި ވެނިޓީ ފެއާ އަދި ވަޔާޑް ކަހަލަ މަޝްހޫރު މަޖައްލާތައް ނެރޭ ކުންފުންޏެވެ.

މި އަހަރުގެ މެޓް ގާލާގައި،  ވޯގް މެގަޒިންގެ ޗީފް އެޑިޓަރު އެނާ ވިންޓުއާ އާއި އެމެރިކާގެ އެކްޓަރު ކޮލްމަން ޑޮމިންގޯ.-- ފޮޓޯ: އޭއެފްޕީ

މި އަހަރުގެ މެޓް ގާލާގައި، ވޯގް މެގަޒިންގެ ޗީފް އެޑިޓަރު އެނާ ވިންޓުއާ އާއި އެމެރިކާގެ އެކްޓަރު ކޮލްމަން ޑޮމިންގޯ.-- ފޮޓޯ: އޭއެފްޕީ

ވެރައިޓީން ބުނީ ކޮންޑޭ ނާސްޓުގެ ޗީފް ކޮންޓެންޓް އޮފިސަރުގެ ހައިސިއްޔަތުން، ދަ ނިއު ޔޯކާ ފިޔަވައި އެހެން ހުރިހާ މަޖައްލާއެއްގެ ކޮންޓެންޓް ދެން ނެރޭނީ އެނާގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކުންފުނީގެ ދަށުން ނެރޭ މަޖައްލާތަކުގެ އެކި އެޑިޝަންތައް ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް އަންނަނީ ނެރެމުންނެވެ.

ވޯގްގެ ޗީފް އެޑިޓަރުގެ މަގާމަށް އެނާ ހަމަޖެއްސީ 1988 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ މަގާމުގައި ހުރީ ގްރޭސީ މިރަބެއްލާ އެވެ.

ވޯގް މެގަޒިންއަކީ އަހަރަކު އެއް ފަހަރު ބާއްވާ، ދުނިޔޭގެ އެންމެ މަގުބޫލު ފެޝަން އިވެންޓް "މެޓް ގާލާ" އިންތިޒާމުކުރާ ވެސް މަޖައްލާ އެވެ. "މެޓް ގާލާ"ގެ ހުރިހާ ކަމެއްގައި، 1995 ވަނަ އަހަރުން ފެށިގެން އެންމެ އިސްކޮށް އުޅުނީ އެނާ އެވެ.