Roadha Mihaaru

އީރާންގެ މަރުކަޒީ ބޭންކަކީ ޓެރަރިސްޓު މުއައްސަސާއެއް ކަމަށް އިޒްރޭލުން ކަނޑައަޅައިފި

އީރާންގެ މަރުކަޒީ ބޭންކަކީ ޓެރަރިސްޓު މުއައްސަސާއެއް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

އީރާންގެ މަރުކަޒީ ބޭންކް އިޒްރޭލު ޓެރަރިޒަމްގެ ލިސްޓަށް

އީރާންގެ މަރުކަޒީ ބޭންކަކީ ޓެރަރިސްޓު މުއައްސަސާއެއް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލާ ކާޒް މިގޮތަށް ނިންމައި އިއުލާނުކުރަމުން ބުނީ މިއީ އީރާންގެ އެހީ ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީ ގޮތުން ހުރަސްތައް ކުރިމަތިކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އީރާނާއި އިޒްރޭލުން 12 ދުވަސް ވަންދެން ކުރި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިތާ އެއް ދުވަސް ފަހުން މިގޮތަށް ނިންމި އިރު އެ ލިސްޓުގައި އީރާންގެ އިތުރު ދެ ބޭންކެއް ވެސް ހިމަނާފައިވެ އެވެ.

މިއީ "އީރާނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ފުޅާ ކެމްޕޭނުގެ ތެރެއިން" އެޅި ފިޔަވަޅެއް ކަމަށް ބުނަމުން ޑިފެންސް މިނިސްޓަރުގެ ބަޔާނުގައި ބުނެފައިވަނީ މެދުއިރުމަތީގެ އެކި ޖަމާއަތްތަކަށް ފަންޑުކޮށް، ހަތިޔާރާއި އެހީތެރިކަން އީރާނުގެ ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އެހެންވެ އޭނާ ސިފަކޮށްފައި ވަނީ މަރުކަޒީ ބޭންކަށް ދަތިކުރުމަށް އެޅި މި ފިޔަވަޅަކީ "ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ނިޒާމުގެ ހިތަށް" ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކާ އެކު އީރާނުން ވެސް އިޒްރޭލަށް ވަރުގަދަ ހަމަލާތައް ދީފައިވެ އެވެ. މި ހަމަލާތަކުގައި ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުއަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މަސައްކަތް އެތައް އަހަރެއް ފަހަތަށް ޖައްސާާފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. އެކަމަކު އީރާނުން ބުނީ ގެއްލުންތަކެއް ވިޔަސް ނިއުކްލިއާ މަޝްރޫއު ނުހުއްޓާނެ ކަމަށާއިރު ގެއްލުންތަކުން އަރައިގަނެ އަލުން މަސައްކަތް ފަށާނެ ކަމަށެވެ.