Roadha Mihaaru

ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލުން އީރާނަށް ރަމްޒީ ހަމަލާއެއް ދީ މައިތިރިވެއްޖެ

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލާއި އީރާން ވެސް ހިލާފުވި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރުޅިވެރިކަމާ އެކު ވާހަކަ ދެއްކެވުމަށް ފަހު އިޒްރޭލުން އީރާނަށް އަލުން ވަރުގަދަ ހަމަލާއެއް ދިނުމަށް ހުރަސްއަޅުއްވައި މައިތިރިކޮށްފި އެވެ.

ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލު މައިތިރިވެއްޖެ

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލާއި އީރާން ވެސް ހިލާފުވި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރުޅިވެރިކަމާ އެކު ވާހަކަ ދެއްކެވުމަށް ފަހު އިޒްރޭލުން އީރާނަށް އަލުން ވަރުގަދަ ހަމަލާއެއް ދިނުމަށް ހުރަސްއަޅުއްވައި މައިތިރިކޮށްފި އެވެ.

ނޭޓޯގެ ސަމިޓަކަށް ދަތުރުކުރައްވަމުން ގެންދަވާ އުމުރުން 79 އަހަރުގެ ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި މީގެ އިރުކޮޅެއް ކުރިން ލިޔުއްވާފައިވާ ގޮތުގައި "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އަންނަނީ ތަންފީޒު ކުރަމުން" ނެވެ.

"އިޒްރޭލުން އީރާނަށް ހަމަލާއެއް ނުދޭނެ. ހުރިހާ ބޯޓުތަކެއް، އީރާނަށް އެކުވެރިކަމުގެ ސަލާމަކަށް ފަހު އަނބުރާ ދާނެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވާނެ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު މިހެން ލިޔުއްވުމުގެ ކުޑައިރުކޮޅެއް ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިޒްރޭލާއި އީރާން ވެސް އެއްބަސްވުމާ ހިލާފުވި ކަމަށެވެ. ވައިޓް ހައުސްގެ ގޯތިތެރޭގައި ހުންނަވައި ޓްރަމްޕް ވިދާޅުވީ އީރާނާއި އިޒްރޭލު ކުރިމަތިލުންތައް ވަރުގަދަ ކަމަށާއި އެ ކުރިމަތިލުންތަކަށް މާ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ގައުމަށް މި ކުރެވެނީ ކީއްކަން ވެސް ނޭނގޭ ކަމަށެވެ.

އީރާނުން އެއްބަސްވުމާ ހިލާފުވި އިރު އިޒްރޭލުން ވެސް ހިލާފުވި ކަމަށާއި އެހެންވެ އިޒްރޭލާއި އީރާނާ މެދު ވެސް ހިތްހަމަނުޖެހުން އެބައޮތް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

"... އެކަމަކު އިޒްރޭލުން އަނެއްކާ ނުކުމެ ފަށައިގެންފި ނަމަ އަޅުގަނޑު އިތުރަށް ހިތްހަމަނުޖެހޭނެ."

"އަޅުގަނޑު އެބަ ޖެހޭ އިޒްރޭލު މައިތިރިކުރަން،" އޭނާ ވިދާޅުވި އެވެ. "އެއްބަސްވުމަކާ ހަމަޔަށް އާދެވުމާ އެކު އިޒްރޭލުން ގޮސް މީގެ ކުރިން ނާޅާ ވަރަށް ބޮން އަޅައިފި."

އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ އެންގެވުމަށް އިޒްރޭލުން ވަނީ އީރާނުން މިއަދު އެއްބަސްބުމާ ހިލާފަށް ދިން ކަމަށް ބުނާ ހަމަލާތަކުގެ ބަދަލު ހިފުމަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކުގެ ބަދަލުގައި ރަމްޒީ އެންމެ ހަމަލާއަކުން ނިންމާލައިފަ އެވެ.

މިގޮތަށް ނިންމީ ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޯން ކޯލަކަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އިޒްރޭލުން ރަމްޒީ ހަމަލާއެއް ދިނީ އީރާންގެ ރާޑަ ސްޓޭޝަނަކަށެވެ. އަދި އެ ހަމަލާއަށް ފަހު، ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން މިހާރު ތަންފީޒުވަމުން އަންނަ ކަމަށް ވެސް އިޒްރޭލުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ނަތަންޔާހޫގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓްތަކެއްގައި ވަނީ ރާޑަރު ސްޓޭޝަނަކަށް ހަމަލާދިނުމަށް ފަހު، ހަމަލާތައް މި ހިސާބުން ނިމުނީ ކަމަށް ބުނެފަ އެވެ. އެ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލުމަށް ކަނޑައެޅި ވަގުތުގެ ހަ މިނެޓް ފަހުން އީރާނުން މިސައިލެއް ފޮނުވާލި އެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން އިތުރު ދެ މިސައިލް ފޮނުވާލި ކަމަށާއި އެކަމަކު އެ މިސައިލްތައް ވަނީ އިންޓަސެޕްޓްކޮށް ނުވަތަ އޭގެ ޒާތުގައި އަމިއްލައަށް ވެއްޓިފައި ކަމަށް ބުންޏެވެ.

އެހެންވެ އެ މިސައިލްތަކުން އެއްވެސް ގެއްލުމެއް އިޒްރޭލަށް ނުވާ ކަމަށާއި އެކަމަކު އޭގެ ކުރިން އިޒްރޭލަށް އީރާނުން މިއަދު ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވި ކަމަށް ބުންޏެވެ. މީގެ އިތުރުން ހަނގުރާމައިގެ މަގްސަދު ހާސިލްވެއްޖެ ކަމަށާއި ޓްރަމްޕުގެ ފޯންކޯލްގައި އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވަނީ އީރާންގެ ވެރިކަން ބަދަލުކުރަން އެމެރިކާއިން މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ.