Roadha Mihaaru

ހަމަލާތައް ހުއްޓާލަން އީރާނުން އެއްބަސްވީ ގަތަރުގެ ބޮޑުވަޒީރުގެ މަސައްކަތުން

އީރާނާއި އިޒްރޭލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާއިން ހުށަހެޅުމުން އެކަމަށް އީރާން އެއްބަސްކުރުވީ ގަތަރުގެ ބޮޑުވަޒީރު އީރާނާ ވާހަކަ ދައްކަވައިގެން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް

އީރާނާއި އިޒްރޭލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާއިން ހުށަހެޅުމުން އެކަމަށް އީރާން އެއްބަސްކުރުވީ ގަތަރުގެ ބޮޑުވަޒީރު އީރާނާ ވާހަކަ ދައްކަވައިގެން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.

"މި ހުށަހެޅުމަށް އީރާނުން އެއްބަސްވީ އެ ގައުމުގެ އެކި އޮފިޝަލުންނަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ގުޅުއްވައި ވާހަކަ ދެއްކެވެމުން،" އޭއެފްޕީއަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އީރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން 12 ދުވަހަށް ފަހު މިއަދު ހުއްޓާލަން ނިންމިކަން އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ އީރާނަށް އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމާ އެކު އެކަމުގެ ބަދަލު ހިފުމަށް، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދިންތާ އިރުކޮޅެއް ފަހުންނެވެ.

އޭގެ ފަހުން އީރާނާއި އިޒްރޭލުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައިވެ އެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލަން ކަނޑައެޅި ވަގުތުގެ ފަހުން ހަމަލާ ދިން ކަމަށް އެއްބަޔަކު އަނެއް ބަޔަކު ތުހުމަތުކޮށްފައިވެ އެވެ.

އަނެއްކޮޅުން ގަތަރުން މިއަދު ވަނީ އެ ގައުމުގައި ހުންނަވާ އީރާންގެ ސަފީރު ހާޒިރުކޮށް، ރޭގެ ހަމަލާގެ މައްސަލައިގައި ރަސްމީކޮށް ޝަކުވާކޮށްފަ އެވެ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ މިއަދު ވިދާޅުވި ގޮތުގައި މިއީ އީރާނުން ގަތަރަށް ދިން ހަމަލާއެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.

"އަލް އުދައިދު ބޭސް އަށް އީރާންގެ ސަލާމަތީ ބާރުން ދިން މިސައިލް ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ހަމަލާ ދިނުމަށް އީރާނަށް ލިބިގެންވާ އިމުގެ ތެރެއިން ދިން ހަމަލާއެއް،" ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއަށް ފޯނުން ގުޅުއްވައި އަރަގާޗީ ވިދާޅުވި އެވެ.

އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ މިއީ އެކުވެރި އަވަށްޓެރި ގައުމަކާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލުން ހަމަލާދޭން ފެށީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ހަމަލާއަށް ފަހު އީރާނުން އެ ވާހަކަތަކުގައި ދެން އިތުރަށް ކުރިއަށް ނުދާން ނިންމާފައި ވިޔަސް ގަތަރުން ވަނީ މި މަޝްވަރާ އަލުން ފެށުމަށް އެމެރިކާއިން އީރާނަށް ބާރު އެޅުމަށް އެދިފަ އެވެ.