މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
24 ޖޫން 2025
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ މެމްބަރުންގެ މެދުގައި ބަހުސް ކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިއީ ތިން ވަނަ ބޮޑު ހަނގުރާމައިގެ މަލަމަތި ކަމަށް ރައްޔިތުން ދެކޭ ކަމަށާއި އެހެންވެ އެކަމުގައި މަޖިލީހުގެ ޒިންމާ ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ފަދަ އަސާސީ ސާމާނު ހުރިކަން ރައްޔިތުންނަށް ޔަގީންވާ ޖެހޭ ކަމަށާއި އެ ތަކެތި ހުސްވުމެއް ނެތި ލިބޭނެކަން ވެސް ކަށަވަރުވާން ޖެހޭ ކަމަށެވެ. އަދި މިވަގުތު ޑޮލަރުގެ ރިޒާވް ހުރި މިންވަރު ބަލައި ކޮންމެ ހަފްތާއަކުން ކޮމިޓީތައް މެދުވެރިކޮށް އެކަން މޮނިޓާކުރަން ވެސް ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުުވި ގޮތުގައި މިއީ މާލީ ހިސާބުތަކާ ގުޅިގެން ދޮގު ނުހަދައި ރައްޔިތުންނަށް ތެދަށް މައުލޫމާތު ފޯރުކޮށްދޭންވީ ވަގުތެވެ.
"އަޅުގަނޑުމެން މިތިބީ ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންވާނެ ހާލަތެއްގައި ނޫން. އަޅުގަނޑުމެން މި ތިބީ ގައުމީ ރޫހެއްގައި ގައުމުގެ އިސްކޮށްގެންް،" ޕީއެންސީ މެމްބަރުންގެ ވޯޓާ އެކު މަޖިލީހަށް އެ މައްސަލަ ބަލައިގަތުމުން ޝުކުރު އަދާކުރައްވައި މީކާއިލް ވިދާޅުވި އެވެ.
އެ މައްސަލައިގެ ބަހުސްގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރާއްޖެއަކީ ހުރިހާ މުދަލެއް ބޭރުން ގެންނަ ގައުމަކަށްވާއިރު ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު ރައްޔިތުން ތިބެންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވީއްސުރެ އެކި ކަހަލަ "ހަނގުރާމަތަކާ" ދަނީ ކުރިމަތިލަމުންނެވެ. މި ސަރުކާރު ހަވާލުވި އިރު އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތަކީ ވެސް ދަތި ހާލަތެއް ކަމަށާއި އެކަމަކު ދަތިކަމެއް ކުރިމަތިވިޔަ ނުދީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ހޯދައިދެމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ދަތިވާނެ ވަރަށް ގިނަ ކަންކަން ކުރިމަތިވާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެ ކެތްތެރިކަމާއި އިސްލާމީ އަހުވަންތަކަމުގެ ގުޅުން ދެމިގެންދާ ކޮންމެ ކަމެއް ކުރާނެ،" ޝާހިދު ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވާން ތައްޔާރަށް އޮތްކަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި އިއުލާން ކުރައްވައި ވަނީ އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ހަމަލާދީފަ އެވެ.
އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގަށް ވެސް ހަމަލާދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު ވެސް ރޭ ބަންދުކުރުމުން ބައެއް ފްލައިޓްތައް ޑިލޭވެ، ކެންސަލް ވެސް ވި އެވެ.
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ އިއުލާނުކުރައްވައިފި އެވެ. އޭގެ ފަހުން، އިޒްރޭލާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ "އެއްބަސްވުން" މިހާރު ތަންފީޒުވާން ފަށާފައިވާ ކަމަށާއި އެހެންވެ ދެ ފަރާތުން ވެސް އެގޮތުގައި ތިބުމަށް ވެސް ޓްރަމްޕް މިއަދު ވަނީ ގޮވާލައްވައިފަ އެވެ.
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލައިފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
ނޯޓިސް ދިން ފަސް މެންބަރުން މާލީ ބަޔާން ހުށަހަޅައިފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
ބަދަލުތަކާއެކު، ރިފަރެންޑަމް ބިލް ކޮމެޓީން ފާސްކޮށްފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު
ދެ ކޮމިޝަނަށް ރައީސުން އައްޔަންކުރަން ޖަލްސާއެއް
ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް 18.9 މިލިޔަން