Roadha Mihaaru

ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ހޫތީން ތައްޔާރުވެއްޖެ

ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާއި އެ ގައުމުގެ އެހެން ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ ބޯޓުތަކަށް ހަމަލާ ދޭން ހޫތީން ތައްޔާރުވެއްޖެ

ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާއި އެ ގައުމުގެ އެހެން ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ތައްޔާރުވެއްޖެ އެވެ.

މިއަދު ހެނދުނު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ، އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ބޮން އަޅައިފަ އެވެ. އެމެރިކާއިން އިރާނަށް ހަމަލާ ދީފިނަމަ، އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދޭން ކަމުގެ އިންޒާރު ހޫތީ ގުރޫޕުން ކުރިން ވެސް އޮތީ ދީފަ އެވެ.

އެމެރިކާ އާއި ހޫތީންނާ ދެމެދު މިދިޔަ މަހު ހަމަލާ ނުދިނުމުގެ އެއްބަސްވުމެއް ގާއިމު ކުރި އެވެ. އެ އެއްބަސްވުމުގައި ވަނީ ދެ ފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ނުދިނުމަށް އެއްބަސް ވެފަ އެވެ. ހޫތީންނާ އެކު ގާއިމު ކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދިނުން ހޫތީން އޭރު ހުއްޓާލި އެވެ.

އެކަމަކު ހޫތީން ބުނީ އެ ގުރޫޕަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އިރާނަށް އެމެރިކާއިން ހަމަލާ ދީފިނަމަ ސުލްހައިގެ އެއްބަސްވުން ދެމި ނޯންނާނެ ކަމަށެވެ.

"އެހެންކަމުން ވައުދުވެފައިވާ ފަދައިން ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށްގެން ހަމަލާ ދިނުމަށް ތައްޔާރަށް ތިބުމަށް (ހޫތީން) ގެ ސިފައިނަށް އަންގާފައިވާކަން ކަށަވަރުކޮށްދެން،" މިއަދު އެމެރިކާއިން އިރާނަށް ހަމަލާ ދިނުމުން ނެރުނު ބަޔާނުގައި ހޫތީން ބުންޏެވެ.

އެ ގުރޫޕުން ބުނީ އިރާނުގެ ސުލްހަވެރި ނިއުކްލިއަ ޕްރޮގްރާމްގެ ދަށުން ތަރައްގީކޮށްފައިވާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދޭން ފެށުމުން، ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާކަން ހާމަކުރުމަށް ކަމަށް ބުނެ ހޫތީންގެ ގުރޫޕުން ވަނީ އިޒްރޭލަށް މުދަލާއި އެހެނިހެން ތަކެތި ފޮނުވާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ބޯޓްތަކަށް ހަމަލާ ދީފަ އެވެ.

ރަތް ކަނޑަކީ ދުނިޔޭގެ އިގްތިސޯދުގެ 15 ޕަސަންޓް ކާގޯގެ ދަތުރުތައް ކުރާ ކަނޑެވެ. އެ ކަނޑު އޮންނަނީ ޔަމަނުގެ ކަނޑުގެ އައްސޭރިއާ ވެސް އެކުވެފަ އެވެ.