Roadha Mihaaru
ހަފުތާއެއްގެތެރޭ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާނެ

ހަފުތާއެއްގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެ

27 އެޕްރީލް 2022

ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދޭ ވަރަށް، އީރާންގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކޮށްފައިވާ ކަމަށް ބުނެ، އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދޭ ވަރަށް، އީރާންގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކޮށްފައިވާ ކަމަށް ބުނެ، އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ސާކީ އިއްޔެ ވިދާޅުވީ މީގެ ކުރިން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދަން އަހަރެއްހާ ދުވަސް ނަގާނެ އެވެ. ނަމަވެސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކު ގާއިމުކުރި ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރާ މުއާހަދާ އިން، 2018 ވަނަ އަހަރު އެމެރިކާ ވަކިވި ފަހުން، އީރާންގެ ނިއުކްލިއާ މަޝްރޫއު ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ.

އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަށް 2018 ވަނަ އަހަރުގެ ފަހުން ގެނައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން، އެ ގައުމުން ބޭނުންވެއްޖެ ނަމަ ނިއުކްލިއާ ހަތިޔާރެއް އުފައްދަން މިހާރު ނަގާނީ ހަފުތާއެއްހާ ދުވަސް ކަމަށް ވެސް ސާކީ ވިދާޅުވި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވެސް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއު ވަނީ ވަރަށް ބޮޑަށް ހަލުވިކޮށް ކުރިއަރުވައިފަ އެވެ. އެހެންކަމުން އީރާންގެ ނިއުކްލިއާ މަޝްރޫއާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ހާރިޖީ ވަޒީރު ބްލިންކެން ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކޮށް އެ މުއާހަދާ އަލުން ތަންފީޒު ކުރަން ފެށުމެވެ. ނިއުކްލިއާ މުއާހަދާގައި ސޮއިކުރުމާ ގުޅޭ ގޮތުން އީރާނާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް ދިގުލައިގެން ދާތީ، އެމެރިކާގެ ކޮންގްރެސްގައި ކުރިމަތިވި ފާޑުކިޔުންތަކަށް ބްލިންކެން އިއްޔެ ވަނީ ރައްދު ދެއްވައިފަ އެވެ.

ބްލިންކެން ވިދާޅުވީ 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާއަކީ ފުރިހަމަ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ނެތުމަށް ވުރެ، އެ މުއާހަދާ އަށް އަމަލުކުރުން ރަނގަޅު ކަމަށް ވެސް ބްލިންކެން ކޮންގްރެސްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިނަ ނުދިނުމަށް ކުރެވެން ހުރި ކަންކަމަށް ބަލާއިރު އެންމެ ރަނގަޅު އިޚްތިޔާރަކަށް އޮތީ އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ގާއިމުކުރުމެވެ. އެހެން އިޚްތިޔާރެއް ވެސް މިހާތު ތަޖުރިބާކުރެވިއްޖެ ކަމަށާއި، އެ އިޚްތިޔާރަކީ ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ އިޚްތިޔާރުގެ ބޭނުން ހިފުމުން ނުކުތް ނަތީޖާއަކީ، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް އީރާނަށް ބޭނުންވާ މުއްދަތު އެއް އަހަރުން މަދު ހަފުތާތަކަކަށް ބަދަލުވެގެން ދިއުމެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން އެމެރިކާ ވަކިވީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެމެރިކާ އަމިއްލަ އަށް އެ މުއާހަދާ އިން ވަކިވުމަށް ފަހު، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އިން އެޅި އެވެ. އޭގެ ތެރޭގައި އީރާންގެ ތެޔޮ ގަތުން ހުއްޓައިލުމަށް އެހެން ގައުމުތަކަށް މަޖުބޫރުކުރުން ވެސް ހިމެނެ އެވެ.

އަލުން އެ މުއާހަދާގައި އެމެރިކާ ބައިވެރިވުމާ ގުޅޭ ގޮތުން، މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަން ފެށުނު ފަހުން އީރާނާ އެކުގައި މަޝްވަރާތައް ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.