Roadha Mihaaru

ފައިސާ ނުނެގި ޖެމްކިޔު ސްކީމް ހުއްޓި އެތައް ބަޔަކަށް ބޮޑު ގެއްލުމެއް، އެފަދަ އެހެން ސްކީމެއް ފަށައިފި!

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، އެ ސްކީމު ހުއްޓި އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ފަށައިފި އެވެ.

ފައިސާ ނުނެގި ޖެމްކިޔު ހުއްޓި، ބޮޑު ގެއްލުމެއް!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 ޖޫން 2025

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، އެ ސްކީމު ހުއްޓި އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ފަށައިފި އެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް، މި ސްކީމު ހިންގަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފުތާގައި ފުލުހުން އާންމުކުރި ބަޔާނުގައި ބުނީ މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ވެފައިވާ ކަމަށާއި އެ ސްކީމު ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދިޔަ އެވެ. އެކަމަކު ކުއްލި ގޮތަކަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެ، އެ ދުވަހުން ފެށިގެން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖެމްކިޔުގެ ޓެލެގްރާމް ގްރޫޕުގައިވާ ގޮތުން، އެ ސްކީމުން މިހާރު ފައިސާއެއް ނުނެގެ އެވެ. އެހެންވެ "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.

އެ މެސެޖުގައި ވަނީ ޖެމްކިޔުގެ މާކެޓިން ޓީމަށް ނުގުޅުނު ކަމަށާއި އެހެންވެ ފައިސާ ނެގޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށެެވެ.

ފައިސާ ނެގުން ހުއްޓުމާ އެކު، ބައެއް މީހުން މިއަދު ދަނީ ގްރޫޕު ދޫކުރަމުންނެވެ.

އެ ގްރޫޕަށް މީހަކު ފޮނުވާފައިވާ މެސެޖުގައި ބުނީ ސްކީމު ހުއްޓުމުން ދެރަވަނީ އިންވެސްޓްކޮށް، އެއްވެސް އެއްޗެއް ނުލިބި ގެއްލުންވި މީހުންނާ މެދު ކަމަށެެވެ. އަނެއްކާ ވެސް އާ ނަމެއްގައި އެހެން ސްކީމެއް ނެރެފައި މިވަނީ ދޭންވާ ފައިސާ ނުދީ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އާ ސްކީމާ މެދު އެންމެން ވެސް ސަމާލުވުމަށް މެސެޖުގައިވެ އެވެ.

"ޕްރޮފިޓް ހެދުނު ކުދިންނަށް މަރުހަބާ. ގެއްލުންވި ކުދިންނަށް އިބުރަތެއް،" މީހަކު ފޮނުވި މެސެޖެއްގައިވެ އެވެ.

ޖެމްކިޔު އިން ފައިސާ ނުނެގި އެ ސްކީމު ހުއްޓިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގު ކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.

ސްކީމު ހުއްޓުނުއިރު އެ އަށް އެތައް ހާސް ފައިސާއެއް ޖަމާކޮށްފައި ވަނީ އެ ފައިސާ ތިން ހަތަރު ގުނަވާނެ ކަމަށް އެމީހުން އިޝްތިހާރުކުރިއިރު ބުނެގެންނެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޖެމްކިޔު ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.

އެހެންވެ، މިފަދަ ސްކީމުތަކަށް އިންވެސްޓްކުރުމުގެ ސަމާލުވުމަށް ފުލުހުން އެދިފައިވެ އެވެ.