Roadha Mihaaru

އައްޑޫގައި ކެތު ލެބު ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ސެޓަޕް ހެދިތާ ދޮޅު އަހަރުފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އައްޑޫ ކެތުލެބު ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖޫން 2025

ސެޓަޕް ހެދިތާ ދޮޅު އަހަރުފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކެތު ލެބު ފަސް އަހަރަށް މެނޭޖުކޮށް އޮޕަރޭޓުކުރަން ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން މެއިލްކުރަން އެދިފަ އެވެ.

އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދޮޅު އަހަރުވެގެންދިޔައިރު ވެސް އެ ތަން ބޭނުމެއް ނުކުރެވެ އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު "މިހާރު" އަށް މިއަދު ވިދާޅުވީ ހިތުގެ ޕްރޮސީޖާތައް ހެދުމަށް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް ހޯދުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. އެހެންވެ، އަވަހަށް ފަރުވާ ފެށުމަށް އައުޓްސޯސް ކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެތު ލެބުގައި ޕްރޮސީޖާތައް ހެދޭނީ އިންޓަވެންޝަނަލް ކާޑިއޮލޮޖީ ކިޔަވައިގެންނެވެ. އެ ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ މެއި ހިސާބުން ފެށިގެން އަންނަނީ ހިތުގެ އާއްމު ބަލީގެ ޑޮކްޓަރު ފަރުވާ ދެމުންނެވެ.

ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ އެވެ.

ޔާސިރު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިންޓަވެންޝަންގެ ހިދުމަތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭރުން ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލެ ފޮނުވާލަންޖެހޭ މީހުން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތުގެ މައްސަލަތަކުގައި ވަގުތަކީ ވަރަށް މުހިއްމު އެއްޗެއް. އައްޑޫ އަދި ފުވައްމުލަކު ހިސާބުން ވެސް މީހުން މާލެއަށް ފޮނުވާލުމުގެ ބަދަލުގައި އަވަހަށް މި ތަނުން ފަރުވާ ދެވޭނެ،" ޔާސިރު ވިދާޅުވި އެވެ.