ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
08 ޖޫން 2025
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެތައް ގަރުނެއް ވަންދެން، ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތުމުން އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭ ކަމަށެވެ.
އެހެންވެ، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެ ވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ އެކު އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށްދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްވެރިން ތަރައްގީކުރަން މީގެ ކުރިން ދުވަހަކު ނުކުރާ ވަރަށް މަސައްކަތްކުރިއަސް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަހައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރެ އެވެ. ނަތީޖާއަކީ އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ މޫސުން ދިގުލައި އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރަމުންދިއުމެވެ." މެސެޖުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލުނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.
ބަވަނަ ވަމުންދާ ދުނިޔޭގައި އެކަމަށް އަވަސް ހައްލެއް ގެންނަން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންވެ، މޫސުމީ ބަދަލުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމީ ފެންވަރުގައި ވެސް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގުތިސޯދަކީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރަން ގުޅިފައިވާ ސިނާއަތްތައް ސިންދަފާތުކުރަންޖެހޭކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
އދ. ގެ ޑެކޭޑް އިފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުގެ ގޮތުގައި މި ގުނާ އަހަރު ފާހަގަކޮށްފައިވަނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މައުލޫމާތު ހޯދަން މުޅި ދުނިޔެއިން މަސައްކަތްކުރާ އަހަރުތަކެއްގެ ގޮތުގަ އެވެ. އޭގެ ދަށުން ރާއްޖެއިން ވެސް ދަނީ ކަނޑުފަޅާއި ފަރު އަދި މި މާހައުުލުތަކުގައި ދިރުންތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި އާ ޓެކްނޮލޮޖީ އީޖާދުކޮށް ތައާރަފްކުރަން މަސައްކަތް ކުރަމުންނެވެ.
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
މަސްވެރިކަމުގައި އިންވެސްޓްކުރާނެ ފުރުސަތުތައް ކިޔައިދީފި
ޕީއެންސީގެ ނައިބު ރައީސްކަން ޣައްސާނާއި ޝިޔާމަށް
މަސްވެރިންގެ ޕާސަނަލް ފައިނޭންސިން 3 ލައްކައާ ހަމައަށް
ފަސް މަސް ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން
މި އަހަރު 2،000 އަށް ވުރެ ގިނަ ޕްރޮޖެކްޓު ފަށާނެ
މަސްވެރިކަމާ ގުޅޭ ކޮމިޓީތަކަށް ބަޔަކު ކުރިމަތިނުލި
މަސްވެރިކަމާ ގުޅޭ އެކި ކޮމިޓީތައް ހަދަނީ
ބަނޑިދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް އަޅަނީ
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ