Roadha Mihaaru

ޓެގް އަޅުވައި ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބައެއް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު މިހާތަނަށް ތިން މީހަކު ދޫށްލާފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ތިން މީހުން ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ޓެގް އަޅުވައި ދޫކޮށްލީ ޑްރަގް މައްސަލަތަކުގެ ބައެއް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު މިހާތަނަށް ތިން މީހަކު ދޫށްލާފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ތިން މީހުން ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން މިހާތަނަށް ދޫކޮށްފައި ވަނީ އިބްރާހިމް ރަޝާދު، މ. ބަދުރު، މުހައްމަދު ނަމީން، ތ. ގުރައިދޫ އަދި މުހައްމަދު ނާޖިހު، ށ. މިލަންދޫ އެވެ.

އޭގެ ތެރެއިން 42 އަހަރުގެ އިބްރާހިމް ރަޝާދަކީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން ނުވަތަ ކެނެބިސް ބޭނުންކުރުމުގެ ތުހުމަތުކުރާ މީހެކެވެ. އަދި 24 އަހަރުގެ ނަމީނާއި ނާޖިހަށް ވެސް ކުރަނީ ކެނެބިސް ބޭނުންކުރުން ނުވަތަ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

އިބްރާހީމް ރަޝާދަކީ 980 ގްރާމްގެ މަސްތުވާތަކެތި ހުރި ޕެކޭޖަކާ ހަވާލުވާން ޕޯސްޓް އޮފީހަށް ދިއުމުން މިދިޔަ އަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ އިތުރު މައްސަލަތަކުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ މެއި މަހުގެ 27 ގައި ކޯޓު އަމުރު މުރާޖާކޮށްދޭން އެދިފައިވާ ކަމަށެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ކުށުގެ ރިކޯޑާއި ހެކިބަސް ދޭން ތިބި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ކަމަށްވާތީ އާއި އޭނާއަކީ ތުހުމަތުވާ ކުށް ކުރުމުގައި އިސް ފަރާތެއް ކަމަށް ނުބެލެވޭތީ އާއި އޭނާ ބަންދުން ދޫކުރި ނަމަވެސް އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން ޓެގް އަޅުވާނެ ކަމަށެވެ. އެ ހުށަހެޅުމާ އެކު އޭނާއާ ގުޅޭ ރިސްކް އެސެސްމެންޓް ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލާގައި އޭނާ ދޫކޮށްލީ ކޯޓުން އަންގާ ގަޑިތަކެއްގައި ކޯޓަށް ހާޒިރުވާ ގޮތަށާއި ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ، އެކަން ކޯޓަށް އަންގަން ޝަރުތުކޮށްފަ އެވެ. ކޯޓުން ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ނުދިއުމަށާއި ޓެގް އެޅުވުމާ ގުޅޭ އިގްރާރުގައި ބަޔާންކުރާ ކަންކަމަށް ފުރިހަމައަށް އެއްބަސްވެ، އިގްރާރުވާ ކަންކަމާ އެއްގޮތަށް އުޅުމާއި ޓެގް ނައްޓުވާނުލުމަށާއި އެއަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް ޝަރުތުކޮށްފަ އެވެ. އަދި ޓެގް އަޅުވައިގެން ވަކި ސަރަހައްދަކަށް ދާން މަނާ ނަމަ، އެކަން ނުކުރުމަށާއި ރޭގަނޑު 11:00 އާއި ފަތިހު 5:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދާ މެދު ގޮތެއް ނިންމަން 24 ގަޑިއިރުގެ ތެރޭގައި ހާޒިރުކުރާ ގޮތަށެވެ.

އެ ހުރިހާ ކަމަކަށް އޭނާ އެއްބަސްވުމުން، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނީ 100 ދުވަހުގެ މުއްދަތަަކަށް އޭނާ ބަންދުން ދޫކުރާށެވެ.

އިބްރާހިމް ރަޝާދުގެ އިތުރުން ކެނެބިސް ބޭނުންކުރުން ނުވަތަ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ ނަމީން އާއި ނާޖިހު ބަންދުން ދޫކުރަން ކޯޓުން ވަކިވަކިން ނެރުނު އަމުރުތަކުގައި ވަނީ އެމީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް ފުލުހުންގެ ހިދުމަތުގެ އެހީއާ އެކު މޮނިޓާކުރެވޭނެ ނިޒާމެއް މިވަގުތު ގާއިމުކޮށްފައިވާތީ ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ދައުލަތުގެ ފަރާތުން އެދިފައިވާ ކަމަށެވެ.

ނަމީން އާއި ނާޖިހުގެ މައްޗަށް ކުރި އަމުރުގައި ބުނީ ދައުލަތުން އެދިފައިވާ ޝަރުތުތަކަށް ވެސް އެ ދެ މީހުން އެއްބަސްވާ ކަމަށެވެ. އެ އަމުރުގެ ދަށުން އެ ދެމީހުން ވެސް ބަންދުން ދޫކުރަން ޝަރުތުކުރީ 100 ދުވަހުގެ މުއްދަތަކަށެވެ. އޭގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ މުއްދަތު އިތުރުކުރަން އެދޭ ނަމަ، އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން އެދެން ޖެހޭ ކަމަށް އަމުރުގައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫނީ ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދޭން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ބަޔަކު މޮނިޓަރިން ޓެގް އެޅުވުމަށް ފަހު، މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޒަމާންވީ އެ މައްސަލަ އަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ މީހުންގެ ބަންދަށް ލުއިތަކެއް ދޭނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދޭ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެ އެވެ.