Roadha Mihaaru

ފޮނަދޫގެ ޓުކުރި، ތުޅާދޫގެ ފަހުރު އަތުލައިފި؟

ލިޔެލާ ޖެހުމުގައި ބ. ތުޅާދޫ ވައްޓައެއް ނުލެވޭނެ އެވެ؛ މިފަހުރުގައި އެ ރަށް ވިދަމުން އަންނަތާ، އެތައް އަހަރެއް ވެއްޖެ އެވެ. އެ ރަށާ ވާދަކުރެވޭނެ ވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ނިންމައިގެން ތިއްބައި ލިޔެލާ ޖެހުމުން ލ. ފޮނަދޫ ކުރި ހޯދައިފި އެވެ؛ މޯލްޑިވްސް އެކްސްޕޯގައި އެ ރަށުން ބައިވެރިކުރި ޓުކުރި ވަނީ، ތުޅާދޫ ވައްޓާލައި، ފަހުރުވެރި އެއް ވަނަ ހޯދައިފަ އެވެ.

ފޮނަދޫގެ ޓުކުރި، ތުޅާދޫގެ ފަހުރު އަތުލައިފި؟
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 މެއި 2025

ލިޔެލާ ޖެހުމުގައި ބ. ތުޅާދޫ ވައްޓައެއް ނުލެވޭނެ އެވެ؛ މިފަހުރުގައި އެ ރަށް ވިދަމުން އަންނަތާ، އެތައް އަހަރެއް ވެއްޖެ އެވެ. އެ ރަށާ ވާދަކުރެވޭނެ ވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ނިންމައިގެން ތިއްބައި ލިޔެލާ ޖެހުމުން ލ. ފޮނަދޫ ކުރި ހޯދައިފި އެވެ؛ މޯލްޑިވްސް އެކްސްޕޯގައި އެ ރަށުން ބައިވެރިކުރި ޓުކުރި ވަނީ، ތުޅާދޫ ވައްޓާލައި، ފަހުރުވެރި އެއް ވަނަ ހޯދައިފަ އެވެ.

ލިޔެލާ ޖެހުމުގެ ކެޓަގަރީގެ ޖަމިއްޔާތަކުގެ ބައިން އެއްވަނަ، ފޮނަދޫގެ ވިމެންސް އެންހޭންސްމަންޓުން ހޯދިއިރު ތުޅާދުއަށް ލިބުނީ ދެ ވަނަ އަދި ތިން ވަނަ އެވެ.

މިވީ، ކިހިނެއް ހެއްޔެވެ؟

ވަނަތަކަށް މާކްސް ދީފައިވާ ގޮތާ މެދު ބައެއް މީހުން މި ހިސާބުން ސުވާލު އުފެއްދި އެވެ. ތުޅާދޫ ވައްޓާނުލެވޭނެ ކަމަށް ގަބޫލުކުރި މީހުން ބުނަނީ އެއީ ފޮނަދޫގެ އުފެއްދުމެއް ނޫން ކަމަށެވެ. އެ މީހުން ދެކެނީ، އެއް ވަނަ ލިބުނު ޓުކުރި ފޮނަދުއަށް ގެންދިޔައީ ތުޅާދޫން ކަމަށެވެ.

އެކަމަކު، މި ވާހަކަތައް ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒައީމާ ދޮގުކުރެ އެވެ.

އޭނާ ބުނީ މައިޒާން އާދަމް މަނިކުގެ އެހީތެރިކަމާ އެކު 2007 ވަނަ އަހަރު ލިޔެލާ ޖަހަން ދަސްކުރުމަށްފަހު އެ ޖަމިއްޔާގެ އަންހެނުން ގަވައިދުން އެ މަސައްކަތްކުރާ ކަމަށެވެ. އޭގެ ތެރެއިން، "ވީ ކްރިއޭޓިވް ޓްރެއިނިން ސެންޓަރު"ގެ ނަމުގައި ތަނެއް ރަޖިސްޓްރީކޮށް 84 މީހުންނަށް ލިޔެލާ ޖަހަން ދަސްކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ޒައީމާ ބުނި ގޮތުގައި، 2007 ވަނަ އަހަރު ސާކް ޓްރޭޑް ފެއާގައި ވެސް އެ ޖަމިއްޔާ އިން ބައިވެރިވި އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒާއި 2017 ވަނަ އަހަރުގެ ހީވާގި ކަނބަލުންގެ މައުރަޒުގައި ވެސް ބައިވެރިވެ، ދެ ވަނަ ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފޮނަދޫގައި 2007 ވަނަ އަހަރު ހިންގި ލިޔެލާ ޖެހުމުގެ ކޯހުގައި ހެދި އެއްޗެއް.

ފޮނަދޫގައި 2007 ވަނަ އަހަރު ހިންގި ލިޔެލާ ޖެހުމުގެ ކޯހުގައި ހެދި އެއްޗެއް.

އެހެންވެ، ތުޅާދޫން ޓުކުރި ގަނެގެން، މައުރަޒުގައި ބައިވެރިކުރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"ފޮނަދޫގައި، ހަމަ ފޮނަދޫގެ ލަކުޑިން ހެދި އެއްޗެހި އެއީ...ރާއްޖޭގައި އެއް ބަޔަކު ނުޖެހޭ އެއް ކަމެއްގައި އަބަދު ދެމި އޮންނާކަށް،" ޒައީމާ ބުންޏެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މައުރަޒަށް އެ ޖަމިއްޔާއިން ހަ އުފެއްދުމެއް ހުށަހެޅި އެވެ.

ވިމެން އެންހޭންސްމަންޓް ޖަމިއްޔާއިން ހެދި އެއްޗެހިތަކެއް.

ވިމެން އެންހޭންސްމަންޓް ޖަމިއްޔާއިން ހެދި އެއްޗެހިތަކެއް.

އެއް ވަނަ ލިބުނީ ލިޔެލާ ޖަހާފައިވާ ދެ ފޫޓުގެ ޓުކުރިއަށެވެ. ދޮޅު މަސް ދުވަހުގެ މަސައްކަތުން ފުރިހަމަކުރި އެ ޓުކުރި ވަނީ 18،000ރ. އަށް ވިއްކާލައިފަ އެވެ.

"އުއްމީދެއް ނުކުރަން ވަނައެއް ލިބޭނެ ކަމަށް. މިރޭ އެވޯޑު އޮންނަންޏާ އެ ދުވަހު ގުޅާފައި ބުނީ ވަނައެއް ލިބޭ ކަމަށް،" އޭނާ ބުންޏެވެ.