Roadha Mihaaru

ރެފްރީއާ ހުރެ ވެލެންސިއާ ތަށި ބަލާ ދާން ޖެހުނީ މަޖީދިއްޔާ އަށް!

އިންޑިއާ ރެފްރީ އޭ.ކޭ މާމުކޮޔާ މެޗުގެ ފަހު ކަށިގަނޑު ފުމާ އެކު ވެލެންސިއާ ކުޅުންތެރިންނާއި، ސަޕޯޓަރުން އުތުރި އަރައިގަތެވެ. ރާއްޖޭގައި އަލަށް ފެށި، އަދި އެހާތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތް 'ކަޕްވިނާސް ކަޕް 1995' ގެ ޗެމްޕިއަންކަން ލިބުނީ އެވެ. ނިއު ރޭޑިއަންޓުގެ ކުޅުންތެރިންނާއި، ސަޕޯޓަރުން ތިބީ ކަރުއެލިފަ އެވެ. ސީޒަނުގެ ހަތަރު މުބާރާތުގެ ތެރެއިން ތިން ވަނަ މުބާރާތް ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމަށް ވުމަށް ކުރަމުން އައި އުއްމީދު ފެނަށް ދިޔައީ އެވެ.

ރެފްރީއާ ހުރެ ވެލެންސިއާ ތަށި ބަލާ މަޖީދިއްޔާ އަށް!
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

23 މެއި 2025

އިންޑިއާ ރެފްރީ އޭ.ކޭ މާމުކޮޔާ މެޗުގެ ފަހު ކަށިގަނޑު ފުމާ އެކު ވެލެންސިއާ ކުޅުންތެރިންނާއި، ސަޕޯޓަރުން އުތުރި އަރައިގަތެވެ. ރާއްޖޭގައި އަލަށް ފެށި، އަދި އެހާތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތް 'ކަޕްވިނާސް ކަޕް 1995' ގެ ޗެމްޕިއަންކަން ލިބުނީ އެވެ. ނިއު ރޭޑިއަންޓުގެ ކުޅުންތެރިންނާއި، ސަޕޯޓަރުން ތިބީ ކަރުއެލިފަ އެވެ. ސީޒަނުގެ ހަތަރު މުބާރާތުގެ ތެރެއިން ތިން ވަނަ މުބާރާތް ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމަށް ވުމަށް ކުރަމުން އައި އުއްމީދު ފެނަށް ދިޔައީ އެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ވެސް، ދަނޑުން ނަތީޖާ އިއުލާނެއް ނުކުރެ އެވެ. އަދި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާކަށް ވެސް އެފްއޭއެމުން ނޫޅެ އެވެ. ވެލެންސިއާ ސަޕޯޓަރުން ތިބީ އެކަމާ ހިސާބަކަށް ރުޅިގަދަވާގޮތް ވެފަ އެވެ. ނިއުގެ ސަޕޯޓަރުން ވެސް ޗުކުޗުކު ލައްވަން ފަށައިފި އެވެ. އެންމެން ވާނުވާގައި ތިއްބާ، މެޗު ނިމުނުތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްޣަފޫރު ލައުޑުސްޕީކަރުން ވިދާޅުވީ "މެޗުގެ ނަތީޖާ ފަހުން އިއުލާންކުރެވޭނެ" ކަމަށެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ ގައިމު ވެލެންސިއާ 2-1 އިން މޮޅުވެގެން މެޗު ނިމުނީ އެންމެންގެ ކުރިމަތީގަ އެވެ. މެޗުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގީކީ ވެސް ނޫނެވެ. އެހެންވިއްޔާ ނަތީޖާއާ މެދު ސުވާލު އުފެދެންވީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހުން އެފްއޭއެމުން ބުނީ ރެފްރީ، ވެލެންސިއާ ކުޅުންތެރިޔަކަށް ދެ ވަނަ ރީނދޫކާޑު ދެއްކުމަށް ފަހު ރަތްކާޑު ނުދައްކާ މެޗު ކުރިއަށް ގެންދިޔަކަން ފާހަގަކުރެވުނީ ކަމަށެވެ. އެއީ ނަތީޖާ އަށް އަސަރުކޮށްފާނެ ކަމަކަށްވާތީވެ، ވެލެންސިއާ މޮޅުވީ ކަމަށް ނިންމެން ނެތުމުން ނަތީޖާ އިއުލާންކުރުމާއި، އިނާމު ދިނުން ފަސްކުރީ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

އެއީ ރާއްޖޭގައި އެހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ. އެންމެ ހެއްވައީ، ވާދަވެރި އެ މެޗުގެ ތެރޭގައި އެފަދަ ކަމެއް ހިނގި ކަމެއް ސަޕޯޓަރުން ވެސް ނޭނގި އޮވެ މެޗު ނިމުނު ފަހުން، އެކަން ފެންމަތިވުމުންނެވެ. އެ މެޗަށް އިންޑިއާގެ ކެރެލާ އިން ފީފާ ރެފްރީއެއް އެފްއޭއެމުން ފަހު ވަގުތު ގެނައީ ވެސް، ވާދަވެރިކަން ބޮޑުވެފައި އޮތުމުން، ވީހާ ވެސް އިންސާފުވެރިކޮށް މެޗު ކުރިއަށް ގެންދިއުމަށެވެ. އެ އަހަރު ގައުމީ ތަށި މިލްކުކުރުމުގެ ފުރުސަތު ވެލެންސިއާ އަށް ގެއްލުވާލީ ނިއު އިން ކަމުން، ކަޕްވިނާސް ކަޕް ފައިނަލަށް ވެލެންސިއާ ނުކުތީ ބަދަލު ހިފުމުގެ ރޫހެއްގަ އެވެ. ފައިނަލުގެ ކުރިން ވެލެންސިއާ ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އޮތީ ކޮންމެ ފަހަރަކު ނިއު އަށް މޮޅުނުވެވޭނެ ކަމަށް ބުނެ ބަހުގެ ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ.

ގަލޮޅު ދަނޑު ސަޕޯޓަރުންނައިގެން ފުރިބާރުވެފައި.

ގަލޮޅު ދަނޑު ސަޕޯޓަރުންނައިގެން ފުރިބާރުވެފައި.

ދިހަ ހާހެއްހާ ސަޕޯޓަރުންނާއިގެން ފުރިބާރުވެފައި އޮތް ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އިސްމާއީލް އާސިފް (ކުޑަހީނާ) ވެލެންސިއާ އަށް ލީޑު ނަގައިދިނީ، އޭނާގެ ބޭބެ މެޗުގެ ކުރިން ބުނީ ތެދެއްކަން ސާބިތުކޮށްދިނެވެ. އެކަމަކު އެއީ 20 މިނެޓު ވަންދެނެވެ. ޕެނަލްޓީއަކުން ނިއުގެ ނިހާން ނަސީރު ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. ވެލެންސިއާ އިން އަލުން ކުރި ހޯދީ 76 ވަނަ މިނެޓުގައި އާދަމް އަބްދުއްލަތީފް (ލައްޗޭ) ޖެހި ގޯލުންނެވެ.

މެޗުގެ ފަހުކޮޅު އަލުން ލިބުނު ލީޑާ އެކު ވެލެންސިއާ އިން ވަރަށް ބޮޑަށް ދިފާއަށް އިސްކަންދީގެން ކުޅެން ފެށި އެވެ. އަދި މެޗު ވަރަށް ބޮޑަށް ލަސްކުރަން ވެސް މަސައްކަތްކުރި އެވެ. އެގޮތުން ވެލެންސިއާ އަށް ލިބުނު ހިލޭޖެހުމެއް ފޮނުވާލަން އުޅުމުގެ ތެރޭގައި އެ ޓީމުގެ މުހައްމަދު ޒާހިދު (ބައްޓޭ) މާބޮޑަށް ލަސްކުރަން އުޅޭތީވެ، ރެފްރީ މާމުކޮޔާ، އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. ބައްޓޭ އަށް ވަނީ އޭގެ ކުރިން ރީނދޫ ކާޑެއް ދައްކައިފަ އެވެ. އެހެންވެ، ރަތްކާޑެއް ދައްކާނެކަން އެނގޭތީވެ، އޭނާ މަޑުމަޑުން ދަނޑުން ފައިބަން ދިޔަ އެވެ. އެކަމަކު ރެފްރީގެ ޖީބުން ރަތްކާޑު ނުނަގާތީ އާއި އިތުރު ކާޑެއް ދައްކަން އުޅޭ ފާޑު ނުޖަހާތީވެ، ވެލެންސިއާގެ ބެންޗުން ބައްޓޭ އަށް އިރުޝާދު ދިނީ، ދަނޑުން ނުފައިބައި ހުރުމަށެވެ.

ކަންވީ ވެސް އެހެނެވެ. ބައްޓޭ އަށް ރެފްރީ ރަތްކާޑެއް ނުދެއްކި އެވެ. ނިއުގެ ކުޅުންތެރިން އެކަމާ މައްސަލައެއް ވެސް ނުޖައްސަ އެވެ. ބޮޑަށް ބެލެވެނީ ބައްޓޭ އަށް ކުރިން ރީނދޫ ކާޑެއް ދައްކާފައި އޮތްކަން ނިއުގެ ކުޅުންތެރިންނަށް ވެސް ރޭކާނުލީހެންނެވެ. އެކަމަކު އެކަން ލައިން ބަލަހައްޓަން ހުރި އެސިސްޓަންޓް ރެފްރީ އަހުމަދު އަބީރު އިސްމާއިލަށް އޮތީ ފާހަގަކުރެވިފަ އެވެ. އޭނާ ރެފްރީ އަށް އެކަން އިޝާރާތް ވެސް ކުރި އެވެ. އެކަމަކު ރެފްރީ ނޯޓުފޮތް ބަލާލާފައި، އިތުރު ކާޑެއް ނުދައްކާ ކުޅުން އަލުން ފެށީ އެވެ. އެހެންވެ ވެލެންސިއާ އިން އޭގެ ފައިދާ ނަގައި އަވަސް އަވަހަށް ބައްޓޭ ބާލައި، އިބްރާހީމް ހަލީމް (ކުޑަޖަޑާ) ކުޅެން އެރުވި އެވެ. އެގޮތުގައި ގޮސް ނަތީޖާ އަށް ބަދަލެއް ނައިސް ވެލެންސިއާ 2-1 އިން މޮޅުވެގެން މެޗު ވެސް ނިމިއްޖެ އެވެ.

މިފަދަ ކަމެއް ހިނގައިފިކަން އެފްއޭއެމުގެ ވެރިންނަށް އެނގުނީ އެ ހިސާބުންނެވެ. އެހެންވެ، ނަތީޖާ އިއުލާންކުރުން ފަސްކުރެއްވުމަށް ފަހު ވައިސް ޗެއާމަން ކާމިނީޕޫލް އަބްދުއްޝުކޫރާއި، ޖެނެރަލް ސެކްރެޓަރީ ހާމިދު، ރެފްރީޒް ރޫމަށް ވަޑައިގެން ވީނުވީ ގޮތެއް ބެއްލެވި އެވެ. އެއަށް ފަހު ނުކުމެ ޗެއާމަން ސަމަރުބުލޫ އިބްރާހިމް މަނިކާ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު ތިން ބޭފުޅުން ވެންވެނީ ދަނޑުގައި ހުންނަ އެފްއޭއެމް އޮފީހަށެވެ. އަދި އެ ތަނަށް ދެ ޓީމުގެ މެނޭޖަރުން ހާޒިކުރި އެވެ.

ހާމިދު: އޭރު އެފްއޭއެމް ދުވަހުން ދުވަހަށް ހިންގެވީ އޭނާ.

ހާމިދު: އޭރު އެފްއޭއެމް ދުވަހުން ދުވަހަށް ހިންގެވީ އޭނާ.

އޭރު ސަޕޯޓަރުންނަށް މިވާނުވާއެއް ނޭގެ އެވެ. އިސާހިތަކު ވެލެންސިއާ ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސްފި އެވެ. ނިއުގެ ސަޕޯޓަރުންގެ ޗުކުޗުކު ލެއްވުން ވެސް، ހަޅޭކަށް ބަދަލުވެއްޖެ އެވެ. ދެ ޓީމުގެ ސަޕޯޓަރުން އެފްއޭއެމްގެ ވެރިންގެ އިސްތިއުފާ އަށް ގޮވަން ފަށައިފި އެވެ. އޭރު އިރުއޮއްސި ރަނގަޅަށް އަނދިރި ވެސް ވެއްޖެ އެވެ. ވެލެންސިއާ ސަޕޯޓަރުންގެ އުފާވެރިކަމުގެ ޖަޒުބާތާއި، ނިއުގެ ސަޕޯޓަރުންގެ މާޔޫސްކަމުގެ ޖަޒުބާތު، ރުޅިއަށް ބަދަލުވެ، ބައެއް ސަޕޯޓަރުން ހަމަނުޖެހުން ވެސް ހިންގަން ފެށި އެވެ. އެއް ބަޔަކު ދިމާކުރީ ގޮނޑިބަރިން ގޮނޑި އުފުރާށެވެ. އެވަގުތު ސަޕޯޓަރަކު މަގުމައްޗަށް ހޫރާލި ގޮނޑިއެއް، އެ ދިމާލުން ތިރީގައި ޕާކުކޮށްފައި އޮތް ވަޒީރު ބޭފުޅެއްގެ ކާރުކޮޅުގައި ޖެހި އޭގެ ބޮނެޓަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. އޭރު، މެނޭޖަރުން ހާޒިރުކޮށްގެން ވެސް ނަތީޖާއާ މެދު ގޮތެއް ނުނިންމިގެން، އެފްއޭއެމުން ވަނީ ދެ ކްލަބުގެ މަސްއޫލުވެރިން އޮފީހަށް ހާޒިރުކޮށްފަ އެވެ. ނިއު އިން ވަޑައިގެންނެވީ ކާމިނީޕޫލް ހަސަން މަނިކެވެ. ވެލެންސިއާ އިން ހިޔަލީ މުހައްމަދު ރަޝީދެވެ.

އެ ބައްދަލުވުމުގައި އެފްއޭއެމުން، މިވީ ގޮތެއް ރަނގަޅަށް ސާފުކޮށްދިނެވެ. ވެލެންސިއާގެ 19 ނަމްބަރު ޖާޒީގައި ކުޅުނު ބައްޓޭ އަށް ފުރަތަމަ ހާފުގައި ދެއްކި ރީނދޫ ކާޑު ދެއްކުނު ކަމަށް ރެފްރީގެ ނޯޓު ފޮތުގައި އޮޅިގެން ޖެހިފައި އޮތީ 18 ނަމްބަރު ޖާޒީގައި ކުޅުނު އަލީ ރަޝީދު (ސިލާޗީ އައްޔަ) އަށެވެ. އެކަމަކު ބައްޓޭ އެ ފައުލުކުރި އިރު އައްޔަ ކައިރިއަކު ވެސް ނެތެވެ. ދެ ވަނަ ހާފުގައި ބައްޓޭ އަށް ރީނދޫކާޑު ދެއްކުމަށް ފަހު ރަތްކާޑު ނުދެއްކީ ރެފްރީގެ ވިސްނުމުގައި، އޭގެ ކުރިން ބައްޓޭ އަށް ކާޑެއް ދެއްކިފައި ނެތުމުންނެވެ. އާއްމު އުސޫލުން ނަމަ ރެފްރީގެ ބޮލުގައި، ކާޑު ދެއްކުނު ކުޅުންތެރިން ފާހަގަވެފައި ހުންނާނެ އެވެ. އެކަމަކު އެއީ ރާއްޖެ އަށް އަލަށް އައި ރެފްރީއެއް ކަމުން އޭނާ އަށް ކުޅުންތެރިން ވަކިކުރަން ނޭގޭތީވެ، ނޯޓު ފޮތަށް ބަރޯސާވީ އެވެ. ބައްޓޭ އަށް ކުރިން ކާޑެއް ދައްކާފައި އޮތް ކަމަށް ލައިންސްމަން އަބީރަށް ފާހަގަވެ، އިޝާރާތްކުރުމުން ރެފްރީ ނޯޓު ފޮތް ބެލިއިރު، ކުރިން ކާޑު ދެއްކިފައި އޮތީ 18 ނަމްބަރަށެވެ.

އެހެންވެ، ރެފްރީގެ ލިޔެކިޔުމަށް ބަލާއިރު ވެލެންސިއާގެ ކުޅުންތެރިޔަކަށް ރަތްކާޑެއް ދައްކާފައި ނެތުމުން، އެ ޓީމުން 11 ކުޅުންތެރިންނާ އެކު މެޗު ފުރިހަމަކޮށްފައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަށް ރިއާޔަތްކޮށް ވެލެންސިއާ އިން މެޗު އަލުން ކުޅުމާ ދެކޮޅެވެ. އެކަމަކު ބައްޓޭ އަށް ދެ ރީނދޫކާޑު ދެއްކީ އެންމެންގެ ކުރިމަތީގައި ކަމަށްވެފައި، ވެލެންސިއާ އިން 11 ކުޅުންތެރިން ލައިގެން މެޗު ފުރިހަމަކޮށްފައި އޮތުމުން، އެ ނަތީޖާ ބަލައިގަންނަން ނިއު އިން ދެކޮޅެވެ. އެންމެ ފަހުން ވޯޓެއް ނެގީ އެވެ. އެފްއޭއެމްގެ އިސް ތިން ވެރިންނާއި، ނިއު އާއި ވެލެންސިއާގެ އިތުރުން މުބާރާތުގައި ދެން ވާދަކުރާ ވިކްޓްރީގެ އޮފިޝަލަކާއި، ގާނޫނީ ވަކީލަކު ހިމެނޭ މުބާރާތު ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި ހަތަރު މެމްބަރުން ތާއީދުކުރީ އަލުން ކުޅޭށެވެ. އެކަމަކު ވެލެންސިއާ އިން ހަމަ ހިލާ އެއްބަހެއް ނުވި އެވެ.

"އަހަރެން ޓީމުގެ އެންމެންނަށް މިރޭ ސިޓީ ފޮނުވާނަން ކުޅެން އެފްއޭއެމުން އެންގިޔަސް މެޗު ކުޅެގެން ނުވާނެ ކަމަށް،" އެ ބައްދަލުވުމަށް ފަހު ހިޔަލީ "ހަވީރަ"ށް ވިދާޅުވި އެވެ.

ހިޔަލީ (މ) ސަޕޯޓަރުންތަކެއްގެ ތެރޭގައި: އޭރުގެ އެންމެ ނުފޫޒު ގަދަ އެކަކު.

ހިޔަލީ (މ) ސަޕޯޓަރުންތަކެއްގެ ތެރޭގައި: އޭރުގެ އެންމެ ނުފޫޒު ގަދަ އެކަކު.

އެންމެ ފަހުން އެފްއޭއެމުން ނިންމީ މިކަމުގައި ފީފާ އާއި އޭއެފްސީގެ ލަފައެއް ހޯދުމަށެވެ. އެހެންވެ ނަތީޖާ ފަހުން އިއުލާންކުރާނެ ކަމަށް ދަނޑުގައި ގޮވުމަށް ފަހު އެފްއޭއެމުން މަސައްކަތްކުރީ އެރެއިން އެރެއަށް ވެސް ލަފައެއް ލިބޭތޯ އެވެ. އޮފީސް ބަންދު ގަޑިއެއް ކަމުން އޭއެފްސީގެ ސެކްރެޓަރީ ޖެނެރަލް ދާތޯ ޕީޓާ ވެލައްޕަންގެ ގެއާ ގުޅޭތޯ ވެސް އެފްއޭއެމުން އޮފިޝަލުން ބެލި އެވެ. އެކަން ވެސް ކާމިޔާބެއް ނުވި އެވެ. އަނެއްކޮޅުން ކުރިއަށް އޮތީ ހޮނިހިރާއި، އާދީއްތަ ކަމުން، އެ ދެ ދުވަހު ފީފާ އާއި އޭއެފްސީއާ ގުޅޭ ގޮތެއް ނުވެ އެފްއޭއެމަށް ޖެހުނީ ގޮތް ނުނިންމައި ތިބޭށެވެ.

ވަކި ގޮތެއް ކަނޑަނޭޅޭތީވެ ދެ ޓީމުގެ ސަޕޯޓަރުން ނުރުހުން އެފްއޭއެމަށް އޮތީ އޭރު ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެ ރުޅީގައި ރެފްރީ އަށް ހަމަލައެއް ދީފާނެ ކަމުގެ ބިރު ވެސް އެފްއޭއެމަށް އޮތެވެ. އެހެންވެ ފުރަތަމަ އެޅި ފިޔަވަޅަކީ މާލޭ ކާމް ހޮޓަލުން އޭނާ، ބަނޑޮސް އައިލެންޑް ރިޒޯޓަށް ބަދަލުކުރުމެވެ. އަދި އަނެއް ދުވަހު އޭނާ އަނބުރާ ގައުމަށް ފުރުވާލި އެވެ.

އެފްއޭއެމުން ބުނަމުން ދިޔައީ ލަސްވިޔަސް، މިކަމުގައި ގޮތެއް ނިންމީ ފީފާ އާއި އޭއެފްސީގެ ލަފައެއް ލިބުމުން ކަމަށެވެ. ސަމަރޭ ވިދާޅުވީ "ތަށި ދޭން ނިމިއްޖެއްޔާ ރަސްމިއްޔާތެއް ބާއްވާފައި ތަށިދޭނީ" ކަމަށާއި "އަލުން ކުޅުވަން ޖެހެންޏާ އަލުން ކުޅުވާނީ" ކަމަށެވެ. ރައްދުގައި ވެލެންސިއާ އިން ބުނީ އެފްއޭއެމުން ތަށި ދޭނެ ބަޔަކަށް ތަށި ދޭންވީ ކަމަށާއި ވެލެންސިއާ ކުޅޭކަށް ނާރާނެ ކަމަށެވެ.

ހިޔަލީ ވިދާޅުވީ މެޗުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ދިމާވެއްޖެ ނަމަ، ރެފްރީ އަށް އެކަން އެންގުމުގެ އިހުތިޔާރު އެ ޓީމަކަށް ލިބޭ ކަމަށާއި، އަދި އެވަރުން ރެފްރީ އަޅާނުލައިފި ނަމަ ކުޅުން ވެސް ހުއްޓާލެވިދާނެ ކަމަށެވެ. އެ ހިސާބުން އެ ވީގޮތެއް ބަލަައި އެކަމެއް އިސްލާހުކުރަން ރެފްރީ އަށް މަޖުބޫރުވާނެ ކަމަށާއި، އެއާ ހިލާފަށް މެޗުގެ ތެރޭގައި މައްސަލަ ނުޖައްސާ ތިބެފައި 90 މިނެޓު ނިމޭ ފަހުން އެކަން ފާހަގަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެއޮތީ މެޗު ނިމިފައި. މިހާރު ދެން ޖެއްސޭނެ މައްސަލައެއް ނޯންނާނެ،"

ބައްޓޭ: އޭނާ އަށް ދެއްކި ފުރަތަމަ ރީނދޫކާޑު ރެފްރީ ނޯޓުކޮށްފައި އޮތީ ސިލާޗީ އަށް ދެއްކި ކަމަށް.

ބައްޓޭ: އޭނާ އަށް ދެއްކި ފުރަތަމަ ރީނދޫކާޑު ރެފްރީ ނޯޓުކޮށްފައި އޮތީ ސިލާޗީ އަށް ދެއްކި ކަމަށް.

އެންމެ ފަހުން ފީފާ އާއި އޭއެފްސީގެ ލަފާ ލިބުނީ، ހިޔަލީ އެ ވިދާޅުވި ގޮތަށެވެ. އެ ދެ އިދާރާ އިން ވެސް ބުނީ އެންމެ ފަހުގެ ގޮތަކީ ރެފްރީ ނޯޓުކޮށްފައި އޮތް ގޮތް ކަމަށާއި، މެޗު ނިމޭ ފަހުން ނަތީޖާއަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެކަމަކު މެޗުގައި ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލައި މުބާރާތުގެ ގަވާއިދާއި އުސޫލުތަކުގެ މަތިން ގޮތެއް ނިންމުމުގެ ބާރު އެފްއޭއެމަށް ލިބިފައިވާ ކަމަށް ވެސް އެ ލަފާގައި އޮތުމުން އެފްއޭއެމުން އަނެއްކާ ވެސް ނިންމީ މުބާރާތު ކޮމިޓީގައި ވޯޓެއް ނަގާށެވެ. މި ފަހަރު އަތް އުފުލާލައިގެން ނެގި ވޯޓުން އަޣުލަބިއްޔަތު ލިބުނީ މެޗު ނުކުޅޭށެވެ. ބައްޓޭ އަށް ކުރިން ރީނދޫކާޑެއް ދެއްކި ނަމަވެސް، އެ ކާޑު ދެއްކިކަން ރެފްރީ ނޯޓުކޮށްފައި ނެތުމުން، އެއީ އެންމެ ފަހުގެ ގޮތް ކަމަށާއި، އެހެންވެ ނަތީޖާ އަށް ބަދަލެއް އަންނަ ފަދަ ކަމެއް މެޗުގައި ހިނގާފައި ނެތް ކަމަށް ކަމަށް ނިންމީ އެވެ.

"11 އޯގަސްޓް 1995 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރި ފުރަތަމަ ކަޕް ވިނާސްކަޕުގެ ފައިނަލް މެޗުގައި ދިމާވި މައްސަލައަކާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ، ފީފާ އާއި ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީ އިން މި މައްސަލައާ މެދު އެ ފަރާތަށް ފެންނަ ގޮތެއް ހޯދުމަށް ފަހު މުބާރާތުގެ ކޮމިޓީ އަށް ވެސް ފެނުނީ އެ މެޗުގެ ނަތީޖާއަކީ ރެފްރީ ރިޕޯޓް ކުރައްވާފައިވާ ނަތީޖާ ކަމުގަ އެވެ،" އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.

ނިއު އިން އެކަމާ މުޅިއަކުން ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު އެ ކްލަބުގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން ނޫސްވެރިން ގާތު ވިދާޅުވީ "އެފްއޭއެމުން ނިންމާނީ ރަނގަޅަށް ކަމަށާއި ގޮތް ނިންމީމާ ދެން ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.

"އޭގެ ކުރިން އަހަރެމެން ވެސް (އަހަރެމެންނަށް ފެންނަ ގޮތުގެ) ވާހަކަ ދެއްކިން. އަހަރެމެން ދެއްކި ވާހަކަ ވެސް ގޯހެއް ނުވާނެ."

ވެލެންސިއާ ކުޅުންތެރިން ޗެކާއި، ޓްރޮފީއާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ވެލެންސިއާ ކުޅުންތެރިން ޗެކާއި، ޓްރޮފީއާ އެކު ފޮޓޯއަކަށް ހުއްޓިގެން.

އެފްއޭއެމުން ރޭވީ ޓީވީ މޯލްޑިވްސް އިން ވަގުތުން ދައްކާ ރަސްމިއްޔާތެއްގައި، ވެލެންސިއާއާ ތަށި ހަވާލުކުރުން މަޖީދިއްޔާ ސްކޫލުގެ ހޯލުގައި ބާއްވާށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވާން ސަޕޯޓަރުންނަށް ވެސް ދައުވަތު ދިނެވެ. އެކަމަކު 400 އެއްހާ މީހުންގެ ޖާގައިގެ އެ ހޯލުގައި ތިބީ ވެލެންސިއާ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ބައެއް ސަޕޯޓަރުން ހިމެނޭހެން ފަންސާހަކަށް މީހުންނެވެ. ނިއު އިން ދިޔައީ މެނޭޖަރު އަހުމަދު ކަލީމާއި، މިޑްފީލްޑަރު އިސްމާއީލް މަހެފޫޒް (އިންމަ) އެކަންޏެވެ.

ކުލަ ހެދުމުގައި ހުރި ވެލެންސިއާގެ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) އަށް ތަށި ހަވާލުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރެވެ. އެއީ އެހެން ނޫން ނަމަ، އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި، ކާމިޔާބީގެ ދަލުން ފޯވެފައިވާ ޖާޒީއެއްގައި ހުރެ، އުފަލުގެ އެންމެ މަތީ އިހުސާސްތަކާ އެކު، މޫސަ އުފުލާލާނެ ތަށްޓެކެވެ. އެކަމަކު ރެފްރީ އަށް އެރި އޮޅުމާ ހެދި "ތައްޓެއް ލިބުމުގެ އުފާ ގެއްލިފައި ހުރެ" މޫސަ އަށް ތަށި އުފުލާލަން ދާން މި ޖެހުނީ ސްކޫލެއްގެ ހޯލަށެވެ. އެއް ލައްކަ ރުފިޔާގެ ރަމްޒީ ޗެކާއި، ޓްރޮފީ ހިފައިގެން ވެލެންސިއާ ކުޅުންތެރިން މަޖީދިއްޔާ ސްޓޭޖު މަތީގައި ފޮޓޯއަކަށް ހުއްޓިގެން ތިބިއިރު ހިނިތުންވުން ދައްކާލި ނަމަވެސް، ހަގީގަތުގައި ތިބީ މޫސަ ބުނިހެން ވަރަށް ބޮޑަށް ފޫހިވެފަ އެވެ.