Roadha Mihaaru

ސްޕޯޓްސް ކޯޕަރޭޝަން އުވި، މުހިއްމު ޒިންމާއެއް ކުޅިވަރު ފަންޑަށް

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ އެކު، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވިއްޖެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުވިއްޖެ، ދެން އޮންނާނީ ފަންޑު
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

19 މެއި 2025

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ އެކު، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވިއްޖެ އެވެ.

އެ ކޯޕަރޭޝަނަކީ 2016 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅިވަރު ގާނޫނު ވުޖޫދުވިއިރު، އޭގެ ދަށުން އުފެއްދި ކުންފުންޏެކެވެ. ބޭނުމަކީ ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، އެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރިކޮށް ނަފާ ހޯދައި، އޭގެ ފައިދާ ކުޅިވަރަށް ހޯދައިދިނުމެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު، ކޯޕަރޭޝަނުގެ ބަދަލުގައި އެ މަގުން ކުޅިވަރަށް ފައިދާ ހޯދައިދިނުމުގެ ދައުރު އަދާކުރާނީ ކުޅިވަރު ފަންޑުންނެވެ. އެ ފަންޑަކީ، ކުޅިވަރާއި، ކުޅިވަރު ކުޅޭ މީހުންނާއި، ކުޅިވަރުގެ ވަސީލަތްތައް ހިންގައި ބަލަހައްޓައި، ތަރައްގީކޮށް، އަދި ކުޅިވަރަށް ވަންނަ ފައިސާ ބަލަހައްޓައި، އިންވެސްޓްކޮށް ފައިދާ ނެރެން މި ގާނޫނުން ބާރު ދީފައިވާ ގާނޫނީ ޝަހުސެކެވެ.

ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޯޕަރޭޝަން އުވުނު ނަމަވެސް، އެތަނުގައި މަސައްކަތްކުރަމުން އައި މުވައްޒަފުންނަށް އެހެން ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ދައުރާ، ސްޕޯޓްސް މިނިސްޓްރީގެ ޒިންމާތައް ފުށުއަރާތީ މިދިޔަ ސަރުކާރުތަކުގައި ވެސް، ކޯޕަރޭޝަނަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ނުކުރެވެ އެވެ. އަދި ކޯޕަރޭޝަނަށް އެކަށީގެންވާ ބާރުތަކެއް ވެސް ދީފައެއް ނުވެ އެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ފާސްކުރި ބިލާ އެކު، ރާއްޖޭގެ ކުޅިވަރު ހިންގުން ލާމަރުކަޒީވެގެންދާއިރު، އޭގެ ސަބަބުން އިތުރު ވަސީލަތްތަކެއް ބޭނުންވާނެ އެވެ. ކޯޕަރޭޝަން ނެތުމަކީ، އިންފްރާންސްޓްރަކްޗާ ގާއިމްކުރަން އޮތް ހުރަހަކަށް ނުވާނެ ކަމަށް އިޝާރާތްކުރައްވައި މިއަދު ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ޒިންމާއެއް ކަމަށެވެ.

އެގޮތުން މިއަހަރާއި، ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓުގައި ވެސް އެކަމަށް ފައިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އިންފްރާންސްޓްރަކްޗާ ގާއިމްކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށާއި، ބައެއް މަސައްކަތްތައް ހުރީ ފެށުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވި އެވެ.