Roadha Mihaaru

ބަންކަރިން ވިޔަފާރިން 124 މިލިއަން ލިބިއްޖެ، އިތުރު ބަދަލުތައް ގެންނާނަން: ޝިމާދު

ބަންކަރިންގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި މި ވިޔަފާރީގައި ސްރީ ލަންކާއާ ވާދަކުރާ ނަމަ، އެކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ބަންކަރިން ވިޔަފާރިއަށް ބަދަލުތަކެއް ގެންނަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 މެއި 2025

ބަންކަރިންގައި އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި މި ވިޔަފާރީގައި ސްރީ ލަންކާއާ ވާދަކުރާ ނަމަ، އެކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ވިޔަފާރިން 124 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފަ އެވެ. އެއީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެ ކުންފުނިން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށެވެ. އެ ބޯޓަށް 1200 ޓަނުގެ ތެޔޮ ވިއްކާފައިވެ އެވެ.

"[މިކަމުން އެނގެނީ] އަޅުގަނޑުމެންނަށް ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންލައިނާސްތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ހިނގާކަން،" އޭނާ ވިދާޅުވި އެވެ.

ބަންކަރިން ހިދުމަތްތައް ދޭ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރި ނަމަވެސް އެ ބަދަލުތަކާ ބެހޭ ތަފްސީލެއް ޝިމާދު ވިދާޅެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަނީ، ވިޓޯލްގެ އިތުރުން، ތެޔޮ ވިއްކާ އެހެން ކުންފުނިތަކާ އެކު ވެސް ރާއްޖޭގައި އެ ހިދުމަތް ފުޅާކުރާށެވެ. މިހާރު އޮންނަ ގޮތުން ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ވަންނާނީ އެ މަސައްކަތް ކުރާ ވިޓޯލް ކުންފުންޏަށެވެ.

އެސްޓީއޯ އިން ބަންކަރިން މަޝްރޫއު ހިންގުމަށް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި ވިޓޯލްއާ އެމްއޯޔޫއެއްގެ ދަށުން ހަވާލުކޮށްގެން މަސައްކަތް ފެށީ މާޗް 2023 ގަ އެވެ. އަދި އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ

އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ

ޝިމާދު ވިދާޅުވި ގޮތުގައި އިހަވަންދިއްފޮޅުގައި ބަންކަރިންގެ ވިޔަފާރި ދަށަސް މާލެ ސަރަހައްދުގައި ވަރަށް ރަނގަޅެވެ.

އެސްޓީއޯ އިން ބަންކަރިންގައި ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިން ޓޭންކަރާއި 11 ބާޖު ގެންގުޅެ އެވެ. އަދި ރާއްޖޭގެ 19 ރަށަކުން ތެޔޮ ފޯރުކޮށްދެމުން ދެ އެވެ.

އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ތެލުގެ ވިޔަފާރިންނެވެ. މިދިޔަ އަހަރު ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ހަތް ޕަސެންޓު ދަށް އަދަދެކެވެ. ތެލުގެ އާމްދަނީ ދަށްވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ތެލުގެ އަގު ދަށްކުރުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް، އިންޝުއަރެންސާއި ޝިޕިން ވިޔަފާރިން ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރު އިންޝުއަރެންސް ދާއިރާއިން 761 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އެއީ 46 ޕަސެންޓުގެ ކުރިއެރުމެކެވެ. އިންޝުއަރެންސް ވިޔަފާރިން 2023 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 519 މިލިއަން ރުފިޔާ ލިބިފަ އެވެ. ޝިޕިން ދާއިރާގެ އާމްދަނީ 15 ޕަސެންޓަށް އިތުރުވި އިރު އެކުންފުންޏަށް މިދިޔަ އަހަރު އެ ދާއިރާއިން 432 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު ކުންފުނީގެ ގްރޫޕަށް ވަނީ 770 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ދަށެވެ. އެ ކުންފުނީގެ ގްރޫޕަށް 2023 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާގެ ފައިދާއެއްވި އެވެ.