Roadha Mihaaru

އޭޖީއެމްގެ ތެރޭ ޑިވިޑެންޑް ފައިދާ ހިއްސާދާރުންނަށް ޖަމާކޮށްދީ، އެސްޓީއޯ ތާރީހުގެ ތެރެއަށް!

ރޭ ބޭއްވި އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ޖަމާކޮށްދީފި އެވެ.

ޖަލްސާ ނިންމާފައި ގެއަށް ދިޔައީ "ފައިދާ" ހިފައިގެން!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 މެއި 2025

ރޭ ބޭއްވި އެސްޓީއޯގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ޖަމާކޮށްދީފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އޭޖީއެމްގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރީ ހިއްސާއަކަށް 80ރ. ގެ މަގުންނެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް ވަނީ، މިދިޔަ އަހަރެކޭ އެއްގޮތަށް ހިއްސާގެ ފައިދާއިން ބަހާ އަދަދަށް ބަދަލެއް ނުގެނެސް އެއްވަރެއްގައި ބައިންދަން ބޯޑުން ފާސްކޮށް އޭޖީއެމަށް ހުށަހަޅައިފަ އެވެ.

އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭ އިރު ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބެހުމަށް ރޭ ނިންމި އެވެ. އޭގެ ތެރެއިން އާންމު ހިއްސާދާރުންނަށް ބަހާނީ 17 މިލިއަން ރުފިޔާ އެވެ. ބާކީ 73 މިލިއަން ރުފިޔާ ވަންނާނީ ސަރުކާރަށެވެ.

އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ

ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ހިއްސާދާރަކު ވަނީ، ޖަލްސާ ކުރިއަށް ދަނިކޮށް ހިއްސާދާރުންނަށް ފައިސާ ޖަމާވުމަކީ، މީގެ ކުރިން އެއްވެސް ކުންފުންޏަކުން ނުކުރާ ކަމެއް ކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އެވަގުތު ހުރިހާ ހިއްސާދާރުން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން އަތްތިލަބަޑި ޖަހާފަ އެވެ.

ރޭގެ ޖަލްސާގައި ހިއްސާދާރުންނަށް ވަކި ވަގުތެއް ނެތި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ގާތްގަނޑަކަށް ދޮޅު ގަޑި އިރު ވަންދެން ހިއްސާދާރުން ސުވާލު ކޮށްފައިވެ އެވެ. އެހާ ގިނަ ވަގުތު ހިއްސާދާރުންނަށް ދިނުމުން އެކަން ފާހަގަކޮށް، އެއީ ރާއްޖޭގެ އެހެން ޕަބްލިކް ކުންފުނިތަކުން ވެސް ނަމޫނާއަށް ނަގަން ޖެހޭނެ ކަމެއް ކަމަށް ބައެއް ހިއްސާދާރުން ބުންޏެވެ.

ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ

ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރަކު ސުވާލު ކުރަނީ -- ފޮޓޯ: އެސްޓީއޯ

"ދެންމެ އަޅުގަނޑުމެން ވޯޓުލީ ހިއްސާގެ ފައިދާ ލިބިއްޖެ. އަޅުގަނޑަށް ލިބިއްޖެ. މި ދައްކަނީ ރަނގަޅު ވާހަކައެއް ކަމުގައިވާ ނަމަ އަޅުގަނޑު ބޭނުން ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ސަބަބަކީ މިއީ ރާއްޖޭގެ ރެކޯޑެއް،" އެ ހިއްސާދާރު ބުންޏެވެ.

އޭނާ ބުނީ، މީގެ އަހަރުތަކެއް ކުރިން އެސްޓީއޯގެ ފައިދާ ނުލިބިގެން އެ ކުންފުންޏަށް އެތައް ފަހަރު ގުޅަން ޖެހޭ ދުވަސްވަރެއް ވެސް ދިޔަ ކަމަށާއި އެކަމަކު އެއީ މިއަދު ހިއްސާދާރުންގެ ކަންކަން ފުރިހަމައަށް ކޮށްދިނުމުގައި އެންމެ ނަމޫނާ ކުންފުންޏަށް މިހާރު ވެއްޖެ އެވެ.

"ތި ސެޓް ކުރީ ޕްރިސަޑެންސްއެއް. އެހެން ކުންފުނިތަކަށް ވަރަށް ރަނގަޅު ނަމޫނާއެއް. މި އެކްސެލެންޓް މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" ހިއްސާދާރަކު ބުންޏެވެ.

އެސްޓީއޯގެ 129 ހިއްސާދާރުން ބައިވެރިވި ރޭގެ ޖަލްސާ ފެށީ 9:00 ގަ އެވެ. ހިއްސާދާރުން ކުރި ހުރިހާ ސުވާލަކަށް ޖަވާބުދީ ނިންމާލީ ރޭގަނޑު 12 ޖަހަން ގާތްވެފައި ވަނިކޮށެވެ.