Roadha Mihaaru
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯ އަށް ފުރަތަމަ ފަހަރަށް 800 މިލިއަން ރުފިޔާގެ ފައިދާ

31 ޖެނުއަރީ 2024

މިދިޔަ އަހަރުގެ އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރަށް ވުރެ 91 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކުންފުނީގެ ފައިދާ އިތުރުވި ނަމަވެސް، އެ ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރު ދަށަށް ގޮސްފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 16 ބިލިއަން ރުފިޔާ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އާމްދަނީ ދަށްވި ނަމަވެސް އެ ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރުމުންނެވެ. އެ ކުންފުނީގެ ކޮސްޓް އޮފް ސޭލްސް ވަނީ 2022 ވަނަ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ ކުޑަވެފަ އެވެ.

އެ ކުންފުނީގެ އާމްދަނީގެ 82 ޕަސެންޓަކީ ތެލުން ލިބުނު އާމްދަނީ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ އެވްރެޖުކޮށް ކޮންމެ ކުއާޓާއެއްގައި އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އާމްދަނީ އެންމެ ބޮޑަށް ދަށްވީ ދެވަނަ ކުއާޓާގަ އެވެ. އެ ފަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 3.7 ބިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓާއަކީ ފައިދާގެ ގޮތުގައި ލިބުނީ 171 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން ވޭތުވެދިޔަ އަހަރުތަކުގައި ބިލިއަނުން އާމްދަނީ ހޯދި ނަމަވެސް، އާންމުކޮށް ފައިދާގެ ގޮތުގައި ލިބެނީ 500 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދުތަކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެސްޓީގައި 2،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިރު އެ ކުންފުންޏަކީ ދައުލަތުގެ ހިއްސާ އޮންނަ އެންމެ ދުވަސްވީ ކުންފުންޏެވެ.