Roadha Mihaaru

މިމަހު ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ ހަދައިދޭން ފަށާނެ: މިނިސްޓަރު

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 މެއި 2025

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެކަން މިނިސްޓްރީން އިއުލާން ކުރީ މިއަދު އެވެ.

އެ ބަދަލާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯތިތަކުގެ ރެޖިސްޓްރީ ހެދުމަށް ދަތިވެފައި ވަނީ ކުރިން ރަޖިސްޓްރީ ދީފައިވާ މީހުންނަށް ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ހޯދައިދިނުން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފަ އެވެ. މާތްالله ގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅިފަޅު އާ ލޭންޑް ޔޫޒް ޕްލޭން--

ގުޅިފަޅު އާ ލޭންޑް ޔޫޒް ޕްލޭން--

ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.

"މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ޕްލޭނުގައި، ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ ނަމަވެސް އެ ގޯތިތައް ދޫކުރަނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ.

އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ވެސް ހިމެނެ އެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމެނެ އެވެ. ނަމަވެސް އެ ޕްލޭންގައި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެ އެވެ.