Roadha Mihaaru

ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ފުރާވަޑައިގެންފި

ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސް ހަވާއީއަށް ފުރާވަޑައިގެންފި

ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެ، އެ ފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ އިތުރުން އެ ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަވާ ހަތަރު ވަނަ ފަހަރެވެ.

ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި އެކަމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ރައީސް އޮފީހުން ބުނީ 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން، އެ މަގުސަދު ހާސިކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫއުތައް ވެސް މިހާރު ވެސް ހިންގަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.