Roadha Mihaaru

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފުޅާކުރަން ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީސަފުގައި ތިބެގެން ހަރަކާތްތެރިވާން ޖެހޭ ފަރާތްތަކުން، އީޖާދީ ހައްލުތައް ހޯދުމަށް މިހާރުގެ ހާލަތަށް ވުރެ ފުޅާކޮށް ވިސްނުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ.

މޫސޫމީބަދަލުތަކަށް ފިޔަވަޅުއެޅުން ފުޅާކުރަން ގޮވާލައިފި

މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީސަފުގައި ތިބެގެން ހަރަކާތްތެރިވާން ޖެހޭ ފަރާތްތަކުން، އީޖާދީ ހައްލުތައް ހޯދުމަށް މިހާރުގެ ހާލަތަށް ވުރެ ފުޅާކޮށް ވިސްނުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ.

ނައިބު ރައީސް މިކަމަށް ގޮވައިލެއްވީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ހުސައިން ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސް ކަމަކީ، ދިރިއުޅުމުގެ ހަގީގަތަކަށް މިހާރު ވެފައިވާ ކަމަށެވެ. ދިމާވާ ގޮންޖެހުންތަކާ އެކު ވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އެންމެ ކުރީސަފުގައި ދެމިތިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓު އުފެއްދުމަށް އަމާޒެއް ކަނޑައަޅާފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

މި އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ އެޖެންޑާގެ މައިގަނޑު އަސާސެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

ނައިބު ރައީސް ވިދާޅުވީ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ޖަޒީރާ ގައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ހަރަކާތްތައް ވިލަރެސް ކުރުމަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓްގައި ދީފައިވެ އެވެ.

އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި އެއްބަސްވުން ގޮވައިލަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ، ޓެކްނޮލޮޖީގެ ދާއިރާ އިން ބޭރަށް ނުކުމެ ވިސްނުމަށާއި މުޖުތަމައުތަކަށް ބަދަލުގެނެވޭ ފަދަ ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެ ފަދަ އީޖާދީ ސިޔާސަތުތަކާއި މާލީ އެހީ ހޯދުމުގެ ނިޒާމުތަކަށް އަމާޒު ހިފުމަށް ފެލޯޝިޕް ބައިވެރިންނަށް ހިތްވަރުދެއްވަމުންނެވެ.