Roadha Mihaaru

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު

ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން މި އަހަރުގެ މައި ހަރަކާތްތައް ބޭއްވުމަށް އެ ކުންފުންޏާ، ދިރާގުން ބައިވެރިވެއްޖެ އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު

ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން މި އަހަރުގެ މައި ހަރަކާތްތައް ބޭއްވުމަށް އެ ކުންފުންޏާ، ދިރާގުން ބައިވެރިވެއްޖެ އެވެ.

ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަ ކޮށްލެވޭ އެއް ހަރަކާތް "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަން ކުރުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމް ކޮށްގެން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު އެވެ. މި އެވޯޑް ހަފްލާގައި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްސް ފުރަތަމަ ފަހަރަށް ބާއްވައިފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމުންގެ ވޯޓާ އެކު ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި އަހަރުގެ އެވޯޑްސް އަށް އެ އަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެކި ކެޓަގަރީތަކަށް 450 އަށް ވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، 600،000 އަށް ވުރެ ގިނަ އާންމު ވޯޓު ވަނީ މިދިޔަ އެޕްރީލް 25 ގައި ވޯޓުލުން ބަންދުކުރުމާ ހަމައަށް ލިބިފަ އެވެ.