"ދިރާގު މާލެ އޯޕަން"ގެ ނަމުގައި ސުވިމް މޯލްޑިވްސްއިން ދިރާގާ ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
15 އެޕްރީލް 2025
"ދިރާގު މާލެ އޯޕަން"ގެ ނަމުގައި ސުވިމް މޯލްޑިވްސްއިން ދިރާގާ ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަން އިއުލާނުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ވިދާޅުވީ އެ މުބާރާތަކީ ފަތަން ދަސްކުުރުމާއި ކަސްރަތުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތެއް ކަމަށެވެ.
ސުވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް (ކ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފަތަން ނޭނގޭތީ ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގައި ފުރާނައަށް ގެއްލުން ލިބިފައި އެބަ ހުރި. އަޅުގަނޑުމެންގެ 99 ޕަސެންޓަކީ ކަނޑަށް ވާއިރު ހިތާމަވެރި ހަދިސާއަކުން ރައްކާތެރިވުމަށް ވެސް ފަތަން ދަސްކުރަން ޖެހޭ. މި މުބާރާތުން އުއްމީދަކީ ފަތަން ދަސްކުރަން ހިތްވަރު ލިބުން،" ޝަމީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ހަސަން ވިދާޅުވީ ދިރާގަކީ އެފަދަ އެކި ކުޅިވަރުތައް ދިރުވުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ.
"އަޅުގަނޑުމެން މިފަދަ އެކި ކުޅިވަރުތައް ދިރިވުމަށާއި ކަސްރަތު ކުރުމަށް ހިތްވަރުދޭ އެކި ކަންތައްތައް ކުރުމުގައި ބައިވެރިވުމަށް އިސްކަންދެން،" މިރުޝާން ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވީ މިއަހަރު އަމާޒަކީ މި މުބާރާތުގައި 300 އަށް ވުރެ ގިނަ ފެތުންތެރިން ފެނުން ކަމަށެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ހަސަން (ކ) އާއި ސުވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރަތް އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު 6 އިން ފެށިގެންނެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ ހުރިހާ ފެތުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އެ ދުވަހު ފެތުމުގެ އިތުރު މުބާރާތެއް ނުވަތަ ހަރަކާތެއް ނޯންނާނެ އެވެ. އަދި އެ މުބާރާތަކީ ސްޕޯޓްސް ކޮމިޝަނާ އެންޑޯޒްކޮށް ރާއްޖޭގައި މިއަހަރު ބާއްވާ ހަމައެކަނި އޯޕަން ވޯޓާ ސުވިމިން މުބާރާތްކަމަށް ވިދާޅުވި އެވެ. އަދި އަމާޒަކީ ރާއްޖޭގައި އޮލިމްޕިކްސްގެ އޯޕަން ވޯޓާ ސުވިމިން މުބާރާތުގައި ވާދަކުރެވޭނެ ފެންވަރުގެ ފެތުންތެރިންތަކެއް މުސްތަގުބަލުގައި ބިނާ ކުރުން ކަމަށް ވިދާޅުވި އެވެ.
ދިރާގު މާލެ އޯޕަން މުބާރާތުގައި 10 އަހަރުން ދަށުގެ އުމުރުފުރާ އާއި 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 13 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 14 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 30 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 40 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 50 އަހަރުން މަތީގެ އުމުރުފުރާ ހިމެނެ އެވެ. މުބާރާތުގައި 10 އަހަރުން ދަށުގެ އުމުފުރާއިން ވާދަކުރެވޭނީ ހަމައެކަނި 250 މީޓަރުގެ ރޭހުގަ އެވެ. ދެން ހުރި އުމުރުފުރާތަކަށް 250 މީޓަރާއި އެއް ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ އޯވަރޯލް އެންމެ މޮޅު ތިން ފެތުންތެރިންނާއި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިން ހޮވާ މެޑަލް ދޭނެ އެވެ.
މާލެ އޯޕަން ސުވިމިން މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 200އަށް ވުރެ ގިނަ ފެތުންތެރިން މުބާރާތުގައި ބައިވެރިވި އެވެ.
"ދިރާގު މާލެ އޯޕަން" ގައި 198 ފެތުންތެރިން
ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް އަންނަ މަހު
ދިރާގުގެ އެމްބެސަޑަރަކަށް ސާފިން ޗެމްޕިއަން ކަޔާން
ދިރާގު މާލޭ އޯޕަން: ކާމިޔާބުކަމާ އެކު ބާއްވައިފި
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގު ފުވައްމުލައް ރަން 2025 އަށް ބޮޑު ތަރުހީބެއް
ފުވައްމުލައް ރަންގެ ބިބާއި ރޭސް ކިޓް އެ ރަށުން ދެނީ
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
ޑީޖީޖީއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ