Roadha Mihaaru

ހީނާ ހީކުރީ ގޭހުގެ އުނދަގުލެކޭ، އެކަމަކު ޖެހުނީ ހާޓް އެޓޭކެއް

ދިވެހި ކުޅިވަރުގެ ލެޖެންޑް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އަށް މިދިޔަ ބުރާސްފަތި ދުވަހަކީ ހަމަ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާދައިގެ ދުވަހެކެވެ. ކޯ ފައުންޑަރެއްގެ ގޮތުގައި އޭނާގެ ވެސް ހިއްސާ އޮވެގެން އުފެއްދި ކްލަބް ވެލެންސިއާގެ އެކަޑަމީގައި މާލެ އާއި ހުޅުމާލޭގައި ކޯޗުކޮށްދޭ ބޮޑު ހީނާ އެ ރޭ ވެސް އުޅުނީ އެކަޑަމީގެ ތަމްރީނުތަކުގަ އެވެ.

ހީނާ ހީކުރީ ގޭހުގެ އުނދަގުލެކޭ، ޖެހުނީ ހާޓް އެޓޭކެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

07 މެއި 2025

ދިވެހި ކުޅިވަރުގެ ލެޖެންޑް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އަށް މިދިޔަ ބުރާސްފަތި ދުވަހަކީ ހަމަ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާދައިގެ ދުވަހެކެވެ. ކޯ ފައުންޑަރެއްގެ ގޮތުގައި އޭނާގެ ވެސް ހިއްސާ އޮވެގެން އުފެއްދި ކްލަބް ވެލެންސިއާގެ އެކަޑަމީގައި މާލެ އާއި ހުޅުމާލޭގައި ކޯޗުކޮށްދޭ ބޮޑު ހީނާ އެ ރޭ ވެސް އުޅުނީ އެކަޑަމީގެ ތަމްރީނުތަކުގަ އެވެ.

މާލޭގައި އެ ރޭ ކުރިއަށް ގެންދިޔަ އެކަޑަމީގެ ތަމްރީނުތަކުގެ ކޯޗުކޮށް ދޭން ހުއްޓާ، އޭނާގެ "ބަނޑަށް ގޭސް ގަނޑެއް އަރައި" އުނދަގޫތަކެއް ކުރިމަތިވި އެވެ.

"އެގޮތަށް ވާން ފެށީމާ އަހަރެން ގޮސް ފެން ފޮދެއް ބޯލީމަ އުނދަގޫ ކެނޑިއްޖެ. އަނެއްކާ ވެސް ބައިގަޑިއެއްހާ އިރު ފަހުން އެ އުނދަގޫ ވީމަ ފެންފޮދެއް ބޯލީމަ އެ އުނދަގޫ ފިލީ،" އޭޑީކޭ ހޮސްޕިޓަލުގައި އޮވެގެން "މިހާރު" އާ ވާހަކަ ދައްކަމުން ކުޅިވަރުގެ ހިދުމަތްތެރިޔާ ކިޔައި ދިނެވެ.

އާންމުކޮށް ގޭހުގެ މައްސަލަ ކުރިމަތި ވާތީ ހީނާ ނިންމައިގެން ހުރީ ޕްރެކްޓިހުގައި އުޅެނިކޮށް އޭނާ އަށް ކުރިމަތިވި އުނދަގޫތަކަކީ ގޭހުގެ ސަބަބުން ކުރިމަތިވި މައްސަލަތަކެއް ކަމަށެވެ.

"އަހަންނަކީ ގޭހުގެ މައްސަލަ ހުންނަ މީހެއް،" ހިނާ ބުންޏެވެ.

އެކަޑަމީގެ ސެޝަނެއްގައި ހީނާ މީގެ ކުރިން ކޯޗުކޮށްދެނީ: އޭނާ މިހާރު މަސައްކަތް ކުރަނީ ވެލެންސިއާގެ އެކަޑަމީގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަޑަމީގެ ސެޝަނެއްގައި ހީނާ މީގެ ކުރިން ކޯޗުކޮށްދެނީ: އޭނާ މިހާރު މަސައްކަތް ކުރަނީ ވެލެންސިއާގެ އެކަޑަމީގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރޭގެ 7 އިން 9 އަށް ބޭއްވި އެކަޑަމީގެ ތަމްރީނުތައް ނިންމާފައި ގެއަށް ގޮސް ފެންވަރައި، ކައިގެން އޭނާ އޮށޯވެލީ އެވެ. އެކަމަކު އޭގެ ފަހުން ދެން އެރި ތަދުގައި "ކުރިން ނުވާ އެހެން ގޮތެއް ކުރިމަތިވި ކަމުގެ އިހުސާސް" ކުރެވުނު ކަމަށް ހީނާ ބުންޏެވެ.

"އަންހެނުން ކައިރީގައި ބުނެފިން މި ތަދު ވަނީ އެހެން ގޮތަކަށޭ، ހިނގާށޭ ހޮސްޕިޓަލަށް ދާން. އަންހެނުން ގޮވައިގެން އަމިއްލަ އަށް ސައިކަލް ދުއްވާފައި އައީ،" އެދުރު ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ ހީނާ ބުންޏެވެ.

އޭނާގެ އާއިލީގެ ގެ ސޯސަން މަގުގައި ހުންނަ ހ. ހީނާގަސްދޮށުގޭ ކައިރީ ސައިކަލް ޕާކު ކުރުމަށް ފަހު، ހޮސްޕިޓަލާ ހަމައަށް ވެސް ދިޔައީ ހިނގާލައިފަ އެވެ.

އިމަޖެންސީ އަށް ވަދެ ޑޮކްޓަރަށް ދެއްކުމުން ހެދީ އީސީޖީ އެކެވެ.

"އެ އީސީޖީ އަކުން މާބޮޑު ކަމެއް ނުދައްކާ. އެހެންވެ، ގެ އަށް ދާން ތައްޔާރު ވެސް ވިން. އެކަމަކު ޑޮކްޓަރު ބުނެފި ތިހާ އަވަހަކަށް ނުދެވޭނެޔޭ. ދެން އަނެއްކާ ލޭގެ ޓެސްޓްތަކެއް ހައްދާފައި އަނެއްކާ ވެސް [އިތުރު] އީސީޖީއެއް ހެއްދީ،" ހީނާ ބުންޏެވެ.

ބޮޑު ހީނާ ހޮސްޕިޓަލުގެ ވޯޑްގައި، އޭނާ ކައިރިއަށް ކުރީގެ ދުވުންތެރިޔާ ކުޑަ ހުސައިން ޒިޔާރަތް ކުރުމަށް ފަހު --- ފޮޓޯ: ކުޑަހުސެން ފޭސްބްކް ޕޭޖް

ބޮޑު ހީނާ ހޮސްޕިޓަލުގެ ވޯޑްގައި، އޭނާ ކައިރިއަށް ކުރީގެ ދުވުންތެރިޔާ ކުޑަ ހުސައިން ޒިޔާރަތް ކުރުމަށް ފަހު --- ފޮޓޯ: ކުޑަހުސެން ފޭސްބްކް ޕޭޖް

"ދެވަނަ އީސީޖީ ހަދާފއި އެ އަށް ބަލާފައި ޑޮކްޓަރު ބުނި ތަފާތެއް އެބަހުއްޓޭ. ކާޑިއޯ ސްޕެޝަލިސްޓަކާ ވާހަކަ ދައްކާށޭ ތިމަންނަ ޖެހޭނީ. ދެން އަހަރެން ކައިރީގައި ބުނި އެޑްމިޓް ވާށޭ ޖެހޭނީ. އެ އީސީޖީން ދެއްކީ ހާޓް އެޓޭކެއް ކަމަށް."

ހާޓް އެޓޭކެއް ޖެހިފައިވާކަން ދެވަނަ އީސީޖީން ދެއްކުމުން ހޮސްޕީޓަލުގައި އޭނާ އެޑްމިޓް ކުރުމަށް ފަހު ޕްރޮސީޖާއެއް ހެދި އެވެ.

"އުކުޅުވަޅު ތޮރުފައިގެން ހޮޅިކޮޅެއް ލެއްވީ،" އެ ޕްރޮސީޖާއާ ގުޅޭ ގޮތުން ހީނާ ވިދާޅުވި އެވެ.

ސްޓެންޓު ލެއްވުމަށް ފަހު، މިހާރު ހީނާ ގެންދަނީ އަރާމު ކުރަމުންނެވެ.

ކުޅިވަރު ދަނޑާ ދުރުގައި ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ

މިހާރު އުމުރުން 65 އަހަރުގައި ވެސް ހީނާ ފެންނަނީ ހަރަކާތްތެރި މީހެއްގެ ގޮތުގަ އެވެ. ގިނަ ކުޅިވަރުތަކަކުން ގައުމީ ޓީމަށް ކުޅެ ކާމިޔާބީއާ ހަމައަށް ދަތުރު ކޮށްފައިވާ ހީނާ ގަވާއިދުން ބެޑްމިންޓަން ކުޅެ އެވެ. އެއީ އޭނާ ކޮންމެ ދުވަހަކު ވެސް ކުރާ ކަމެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ފުރިއިރު އަދި ފަހުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރިއިރު ވެސް ގަވާއިދުން ބެޑްމިންޓަން ކުޅެ އެވެ.

ހީނާ މީގެ ކުރިން އެކަޑަމީގެ ޓްރޭނިންތަކުގައި ކޯޗުކޮށް ދެނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ހީނާ މީގެ ކުރިން އެކަޑަމީގެ ޓްރޭނިންތަކުގައި ކޯޗުކޮށް ދެނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ގާތްގަނޑަކަށް ފަސް އަހަރަށް ފަހު އަލުން ކޯޗު ކަމަށް އޭނާ ނުކުތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެލެންސިއާގެ އެކަޑަމީންނެވެ. އެކަމަކު ކުޅިވަރުގެ އެ ހުރިހާ ހަރަކާތްތަކާ ދުރަށް ދުވަސްތަކަކަށް އޭނާ ދުރުވެލަން ޖެހެ އެވެ. .

"ކޯޗު ކޮށްދޭން ނުކުންނަން ދެ ހަފުތާ ވަރު ރެސްޓް ބޭނުންވާނެ ކަމަށް ޑޮކްޓަރު ލަފާ ދިނީ. އަހަރެން ބުނިން އަހަންނަކީ ބެޑްމިންޓަން ކުޅެން ދާ މީހެކޭ. ޑޮކްޓަރު ވިދާޅުވީ އަލުން ކުޅެން ނުކުމެވޭނީ މަހެއްހާ ދުވަސް ފަހުންނޭ،" ކުޅިވަރުގެ އާއިލާއަކަށް ނިސްބަތްވާ ހިނާ ބުންޏެވެ.

ގާތްގަނޑަކަށް ހަތަރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ވެގެން އޮތުމަށް ފަހު މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހިނާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ [މިއަދު] ގެއަށް ދެވޭނެ،" ނިންމާލަމުން ހީނާ ބުންޏެވެ.