Roadha Mihaaru

ރައީސް، މިހާތަނަށް އާރަށަށް ވަޑައިގަތީ 116 ފަހަރު، ތެލަށް ހަރަދުވީ 8 ލައްކަ ރުފިޔާ!

ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރަށް، އާރަށަށް އެ މަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ވަޑައިގަތީ 116 ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،

ރައީސް، މިހާތަނަށް އާރަށަށް ވަޑައިގަތީ 116 ފަހަރު

ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރަށް، އާރަށަށް އެ މަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ވަޑައިގަތީ 116 ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،

އާރަށަށް ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީން މީޑިއާ އަށް ހިއްސާނުކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، 116 ފަހަރުގެ ތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ. އެއީ ދެކޮޅަށް ތިން ގަޑިއެއްހާއިރުގެ ދަތުރެކެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އާއިލާއާ އެކު އާރަށަށް މިހާތަނަށް ވަޑައިގަތީ 31 ފަަހަރު ކަމަށެވެ. ފުޓުބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވާ ބައެއް ހުކުރު ދުވަސްތަކުގައި ވެސް އާއިލާގެ ބޭފުޅުން އާރަށަށް ވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ، ފެމިލީ އެކަނި، ކުޅުމަކާ ނުލައި ގޮސްފައި އުޅެވިފައި ހުރީ ވޭތުވެދިޔަ 532 ދުވަހުގެ ތެރެއިން 31 ފަހަރު. އެހެންވީމާ އެ ދެއްކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،" މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ މިހާތަނަށް އާރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ލޯންޗުތަކުގެ ހަރަދު ވެސް މިރޭ ހާމަކުރައްވައިފަ އެވެ. އެ މަނިކުފާނާ އެކު، އިތުރު ދެ ސެކިއުޓީ ލޯންޗު ވެސް ދަތުރުކުރާއިރު މިހާތަނަށް ތެލަށް ހަރަދުވީ ރައީސް މުއިއްޒު ވިދާޅުވިގޮތުގައި 844،635ރ. އެވެ.

"އެއީ 116 ދަތުރަށް ބަލާއިރު [ލޯންޗުތަަކުގެ ތެލަށް ހަރަދު] ކުރެވިފައިވާ ވަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ރަށަށް އާންމުކޮށް ވަޑައިގަންނަވަނީ ރަނގަޅު ސިއްހަތެއްގައި ހުންނަވަން ބޭނުންފުޅުވާތީ ފުޓްސަލް ކުޅުއްވަން ކަމަށެވެ.

ރައީސް މުއިއްޒު ފަރިއްކުޅުވި އެއްޗެހިތަކަށް ހަރަދުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދާދި ފަހުން ބިލެއް އާންމު ވެފައިވާއިރު، އެ ވާހަކަތައް ވެސް އެ މަނިކުފާނު މިރޭ ދޮގުކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެ ބިލްގެ ފޯމެޓް ވެސް ތަފާތު ކަމަށާއި ބިލްގައި ހިމަނާފައި ވަނީ އެ ދުވަހު އެ މަނިކުފާނު ފަރިއްކުޅުނުވާ ބާވަތެއް ކަމަށެވެ.