Roadha Mihaaru

އެޕަލް ގަޑިއަށް އީސިމް ހިދުމަތް ދޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ

އެޕަލް ގަޑިތަކަށް އީސިމް ދޭ ގައުމުތަކުގެ ލިސްޓުގައި އެޕަލްގެ އޮފިޝަލް ވެބްސައިޓުގައި ރާއްޖެ ހިމަނައިފި އެވެ.

އެޕަލް ގަޑިއަށް އީސިމް ހިދުމަތް ދޭ ލިސްޓަށް ރާއްޖެ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 މެއި 2025

އެޕަލް ގަޑިތަކަށް އީސިމް ދޭ ގައުމުތަކުގެ ލިސްޓުގައި އެޕަލްގެ އޮފިޝަލް ވެބްސައިޓުގައި ރާއްޖެ ހިމަނައިފި އެވެ.

މި ހިދުމަތަކީ ރާއްޖެއަށް އުރީދޫއިން ދޭން ފެށި ހިދުމެތެކެވެ. މި ހިދުމަތް އުރީދޫން ތައާރަފްކުރީ މިދިޔަ މަހު އެވެ. އުރީދޫން ބުނީ އެ ހިދުމަތަކީ ދިވެހިންގެ ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކޮށް، އެންމެ ފުރިހަމައަށް ފަހުގެ ޓެކްނޮލަޖީތައް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީ، ޑިޖިޓަލް ރާއްޖެއަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.

އެ ކުންފުނިން އަލަށް ދޭން ފެށި އީސިމް ހިދުމަތް ފެށީ ހާއްސަ އޮފާއަކާ އެކު އެވެ. އެ އޮފާގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ހިލޭ ލިބޭނެ އެވެ. އެ އޮފާގެ މުއްދަތަށް ފަހު މަހަކު 200ރ. އަށް ހިދުމަތް ލިބޭނެ އެވެ. އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ ހިދުމަތް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.

އީސިމް ވެއަރަބަލްސްއިން އައިފޯނާއި ނުލައި އެޕަލް ވޮޗް މެދުވެރިކޮށް ފޯންކޯލުކުރެވޭނެ އެވެ. މި ހިދުމަތުގައި ފޯނާއި އެޕަލް ވޮޗްގައި ވެސް ބޭނުންކުރާނީ އެއް ނަންބަރެއްގެ ސިމް އެވެ.

އުރީދޫގެ އީކޮމާސް މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗްތައް ލިބޭނެ އެވެ.