Roadha Mihaaru

ބީއެމްއެލްއާ ގުޅިގެން އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގަނީ

ބޭންކް އޮފް މޯލްޑިވްސްގެ ގްލޯބަލް ޕާޓްނާ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބީއެމްއެލްއާ އެކު އެއްބަސްވުމެއް ސޮއިކޮށްފި އެވެ.

ބީއެމްއެލްއިން ޓޫރިޒަމް ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

30 އެޕްރީލް 2025

ބޭންކް އޮފް މޯލްޑިވްސްގެ ގްލޯބަލް ޕާޓްނާ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބީއެމްއެލްއާ އެކު އެއްބަސްވުމެއް ސޮއިކޮށްފި އެވެ.

ބީއެމްއެލް އާއި އެމްއެމްޕީއާރްސީން އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި އޮތް އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގަ އެވެ. އެ އެއްބަސްވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ އެކްސްކްލޫސިވް އިންޓަނޭޝަނަލް ކާޑު ޕާޓްނާޝިޕްތަކާ އެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ އެއްބަސްވުމުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ބީއެމްއެލްއާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައި ވާނީ ޕްރީމިއަމް ޓޫރިސްޓުންނަށް ހާއްސަ އޮފާތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް އެކި ފަރާތްތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.