މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން ހެދުމަށް އެ ތަންތަން ތަޅާލީ، މި ވަގުތު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ގޮތެއް ހަމަޖައްސައިދީފައި ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
30 އެޕްރީލް 2025
މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން ހެދުމަށް އެ ތަންތަން ތަޅާލީ، މި ވަގުތު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ގޮތެއް ހަމަޖައްސައިދީފައި ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ސިނަމާލެ ފްލެޓް ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރަން ހަމަޖައްސާފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ފްލެޓު އަޅަން ފަށާނީ ކުރިން ރުމާލު-2 ޖަގަހަ ހިންގި ބިމާއި އެ ތަނާ ޖެހިގެން އޮންނަ ޓޯޔާޑު ހިންގި ތަނުގައި ކަމަށެވެ. އެ ތަނުގައި ފްލެޓުތައް އެޅުމަށްފަހު، މިހާރު މާލެ ހިޔާ އަދި ސިނަމާލޭގައި ދިރިއުޅޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުން ދިރިއުޅެމުން އަންނަ އެ ފްލެޓުތައް ތަޅާލާނީ އޭގެ ފަހުން ކަމަށް އާޒިމް ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ މިހާރު ފާސްކޮށްފައިވަނީ ކޮންސެޕްޓް ކުރެހުން ކަމަށެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ އިން އަންނަނީ ޑީޓެއިލް ކުރެހުންތައް ނިންމައި ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
މަސައްކަތް ފެށޭނެ މުއްދަތެއް އެނގޭނީ އެ މަރުހަލާތައް ނިމުމުން ކަމަށް އަރީޝް ވިދާޅުވި އެވެ.
މާލެ ހިޔާ އަދި ސިނަމާލެ އަލުން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މޭޔަރަކަށް ހުންނެވިއިރު އޮގަސްޓް 17، 2023 ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން 1،500 ހައުސިން ޔުނިޓް ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް ހިމެނޭ 23،476 އަކަ މީޓަރުގެ ބިމެއްގަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު އޮތުމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފަ އެވެ. އެހެންވެ، ފްލެޓުގެ އަދަދު 1،360 އަށް ވަނީ މަދުވެފަ އެވެ.
ކައުންސިލުން ބުނީ މި 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން ކޮންޓްރެކްޓަރާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގައި ދެން ހިމެނޭ ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިން ހުރީ ސަރުކާރުގެ އެކި އިދާރާތަކުގެ ރަޖިސްޓްރީގަ އެވެ. އެހެންވެ، ކައުންސިލުން އަންނަނީ އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެދި ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2000ގެ ކުރީކޮޅުގަ އެވެ. މިހާރު އޭގެ އެޕާޓްމަންޓުތަކަށް ކުލި ދައްކައި ނިންމުމަށްފަހު ވަނީ އަމިއްލަވެފަ އެވެ.
ފުލުހުން ސިނަމާލެ ފްލެޓްތައް ބަލަހައްޓަން ފަށައިފި
ސިޓީ ކައުންސިލްގެ ރައްދު: މުޅިން އެޅުވީ ދޮގު އިލްޒާމް
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
މާލޭހިޔާ ފްލެޓްތަކުގައި ފެން ލީކްވުން ހައްލުކޮށްފި
ފްލެޓްގެ ނުދައްކާ ހުރި ކުލި، މަސްތަކަކަށް ބަހާލަދެނީ
"ފްލެޓްތަކުގެ މީހުންނަށް ކައުންސިލުން އިހުމާލުވެއްޖެ"
މާލޭ ހިޔާގެ ބައެއް ފްލެޓްތަކަށް ވިއްސާރައިގެ ގެއްލުން
ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
މާފަންނު ސަހަރާގައި ޕާކިންއަކާ އެކު މައިޒާނެއް