Roadha Mihaaru
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި

ސިނަމާލެ އާއި މާލޭހިޔާ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ލަފާދީފި

01 ޖުލައި 2018

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ހުރިހާ ޒިންމާތައް، މާލޭ ސިޓީ ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ހުރިހާ ޒިންމާތައް، މާލޭ ސިޓީ ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ފްލެޓްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން، ކެބިނެޓުން ރައީސަށް ލަފާ ދިނީ އެތަންތަން ބަލަހައްޓައި އަދި ހިދުމަތް ދިނުމުގައި ކައުންސިލުން އިންތިހާއަށް އިހްމާލްވެފައިވާތީ ކަމަށެވެ.

މުއިއްޒު މީގެ ކުރިން ވެސް ވަނީ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި، މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މީގެ ދެ ހަފުތާ ކުރިން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން، ފްލެޓްތަކުގެ މީހުންނާ މެދު އިންތިހާ ދަރަޖަ އަށް އިހުމާލުވެފައިވާ ކަން، އެ ތަންތަނަށް ވަޑައިގަތުމުން އެނގިވަޑައިގެންފި ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން، ރައްޔިތުންނާ މެދު އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ މިނިސްޓަރު މުއިއްޒު ސުވާލު ކުރެއްވި އެވެ.

އެއަށް ރައްދު ދީ ސިޓީ ކައުންސިލުން ބުނީ ފްލެޓްތަކުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެތައް ފަހަރަކު މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިނިސްޓަރު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާ ކަމަށް އެތަނުން ބުންޏެވެ.

"ބާރުތައް މުށަށް ލައިގެން އެމްސީސީ [މާލޭ ސިޓީ ކައުންސިލް] އޮބި އެޅީ ސަރުކާރުން،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްތަކަށް އަލަށް ވަޑައިގަތުމުން މިނިސްޓަރު މުއިއްޒަށް ލައްކަ ކަންކަން ފެނިވަޑައިގެންފި ކަމަށެވެ. އެކަމަކު އެތަނުގެ ފުރާޅާއި ވެއްޓެން ކައިރިވެފައި ހުރި ބެލްކަނިތަކާއި ތަނބުތައް ވެސް އަދި ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާއިރު، އެ ފްލެޓްތަކުގެ މެއިންޓަނަންސް ކަންތައްތައް ވަނީ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފަ އެވެ. މާލޭހިޔާ ފްލެޓްތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެ އެވެ. އެ ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ ފުލެޓްތައް މަރާމާތު ކުރުމަށް އެކަށޭނަ ބަޖެޓް ނުލިބުމާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ހައްލު ކުރުމަށް ދަތިވެފައިވާ ކަމަށެވެ.