ހައްޖު ދަތުރަށް މި އަހަރު ގެނައި ބަދަލުތަކުން، ސައުދި އަރަބިއްޔާގައި ތިބޭ މުއްދަތު ކުރުވެއްޖެ އެވެ.
21 އެޕްރީލް 2025
ހައްޖު ދަތުރަށް މި އަހަރު ގެނައި ބަދަލުތަކުން، ސައުދި އަރަބިއްޔާގައި ތިބޭ މުއްދަތު ކުރުވެއްޖެ އެވެ.
ރާއްޖެ އިން ހައްޖަށްދާ މީހުންނަށް އަޅުކަމުގައި މީގެ ކުރިން މަސް ދުވަސް ހޭދަވެ އެވެ. އެކަމަކު، މި ފަހަރު ގެނައި ބަދަލުތަކުން ހައްޖުގައި ހޭދަވާނީ ގާތްގަނޑަކަށް 19 ދުވަހެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "މިހާރު"އަށް މިއަދު ވިދާޅުވީ މަދީނާއަށް މީގެ ކުރިން ޒިޔާރަތްކުރަމުން ދިޔައީ ހައްޖުގެ އަޅުކަމަށް ފަހު ކަމަށެވެ.
މަދީނާގައި މަސްޖިދުއް ނަބަވީ އާއި ކީރިތި ރަސޫލާގެ ގަބުރުފުޅާއި އާސާރީ ތަންތަން ބެލުމަށްފަހު އަނބުރާ މައްކާއަށް އަދި މައްކާއިން ޖިއްދާއަށް ދަތުރުކުރެ އެވެ. އެކަމަކު، އެ ދަތުރުތަކުގެ ބަދަލުގައި މި ފަހަރު މަދީނާ އެއާޕޯޓުން ސީދާ މާލެއަށް ދަތުރުކުރެވޭ ގޮތަށް ބަދަލުކުރީ ކަމަށް ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނައުމުން ހާޖީންނަށް ދަތުރުކުރުމުގައި ލުޔެއް ލިބޭނެ އެވެ.
"ހައްޖަށް ފަހު ހާޖީން ތިބެނީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށް ވުމާ އެކު މި ދަތުރުތައް މަދުކޮށްލީމަ ހާޖީންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުއެއް ލިބޭނެ." ޝަކީލް ވިދާޅުވި އެވެ.
މި އަހަރު ހައްޖަށްދާ ފުރަތަމަ ބެޗު އަންނަ މަހުގެ 26 ގައި ފުރާނެ އެވެ. އަނބުރާ ރާއްޖެ އަންނާނީ އަންނަ ޖޫން މަހުގެ 13 ގަ އެވެ. އެހެންވެ، މި ފަހަރު ގާތްގަނޑަކަށް ހައްޖަށް މި ލިބެނީ 19 ވަރަކަށް ދުވަހެވެ.
އެކަމަކު، ގާތްގަނޑަކަށް މަސް ދުވަހަށް ހައްޖަށް ދާން މީގެ ހައެއްކަ އަހަރު ކުރިން ފައިސާ ދައްކައި އަދި އެ މުއްދަތު ކުރު ކުރިއަސް ރިފަންޑު ނުލިބޭތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ. އެއީ ވަކި މުއްދަތަކަށް ނަގާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެކުރިން ވެސް ހަމަ ދޭ ހުރިހާ ހިދުމަތްތަކެއް ދޭނެ. ދަތުރުން ނަގާ 2-3 ދުވަސް މަދު ވާނީ މިހާރު،" ޝަކީލް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.
ކިއު ކުޑަކުރަން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ހައްޖު ކޯޓާ ސަރުކާރުގެ ކުންފުންޏަށް އެކަނި ދެމުންނެވެ. އޭގެ އިތުރުން ހައްޖު އުސޫލަށް މި އަހަރު ގެނައި ބަދަލުން، އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭން ޖެހެ އެވެ. އަދި ހައްޖު އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖުގެ އަގު 50،000ރ. އަށް ކުޑަކުރަން އަމާޒެއް
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
އަލަަށް ހައްޖުވާން އިސްކަންދޭ ގޮތަށް އުސޫލު ހަދައިފި
ހައްޖު މެޑިކަލް ޓީމުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި