Roadha Mihaaru
ހައްޖުގެ އަގު 50،000ރ. އަށް ކުޑަކުރަން އަމާޒެއް

ތިން އަހަރު ތެރޭ ހައްޖުގެ އަގު 50،000ރ. އަށް ހެޔޮކުރަން އަމާޒު ހިފައިފި

02 ޖޫން 2024

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ނަގާ އަގު 50،000ރ. އަށް ހެޔޮކުރަން ހައްޖު ކޯޕަރޭޝަނުން އަމާޒު ހިފައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ނަގާ އަގު 50،000ރ. އަށް ހެޔޮކުރަން ހައްޖު ކޯޕަރޭޝަނުން އަމާޒު ހިފައިފި އެވެ.

ހައްޖުގެ އަޅުކަމުގައި ސައުދީގައި ހުންނަވައިގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް މީހެއްގެ އަތުން މިހާރު ނަގަމުން އަންނަ 69,965ރ. އަގަކީ ދިވެހި ރައްޔިތުންގެ އަތުން ނަގަންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ދައްކަން ޖެހޭ އަގު ކުޑަކުރުމަކީ ރައީސްގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަން ފާހަގަކުރައްވައި، ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އެ އަގު ހެޔޮ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށާއި އަމާޒަކީ އެންމެ ބޮޑު ވެގެން 50،000ރ. އަށް އަގު ތިރިކުރުން ކަމަށެވެ.

ހައްޖަށް ގެންދިއުމުގެ އަގުގެ ގޮތުގައި ކުރިން އަމިއްލަ ކުންފުނިތަކުން ނަގަމުން އައީ، ގާތްގަނޑަކަށް 70،000ރ. އެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މިހާރު އާންމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. ރާއްޖެއަށް މި އަހަރަށް ލިބުނު 1،000 ކޯޓާގެ ތެރެއިން ބައެއް މީހުން ވަނީ ފުރައިފަ އެވެ. މި ހަފުތާ ތެރޭގައި ބާކީ ތިބި މީހުން ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާނެ އެވެ.