Roadha Mihaaru

ޗުއްޓީއަށް ދާންވީ މަންޒިލުތަކުގެ މައުލޫމާތު ވެކޭޝަން އެކްސްޕޯގައި

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކުގެ މައުލޫމާތު ހިއްސާކޮށް، ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި ވެކޭޝަން އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޗުއްޓީ މަންޒިލްތަކުގެ މައުލޫމާތު ވެކޭޝަން އެކްސްޕޯއިން
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

19 އެޕްރީލް 2025

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކުގެ މައުލޫމާތު ހިއްސާކޮށް، ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި ވެކޭޝަން އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންޓުންނާއި ސަރުކާރުގެ އިދާރާތަކާއި ބޭރުގެ ގައުމުތަކުގެ އެމްބަސީތަކާއި މޫދު ކުޅިވަރުގެ ވިޔަފާރިތަކާއި ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ހިމެނެ އެވެ.

މިއަހަރުގެ ވެކޭޝަން އެކްސްޕޯގައި ވެސް އެކި އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހުށަހަޅާފައިވާ ކަމަށް މި ހަރަކާތް އިންތިޒާމް ކުރި ހައިރައިޒްއިން ބުންޏެވެ. ހައިރައިޒްއިން ބުނީ އެ އެކްސްޕޯއިން ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މި އެކްސްޕޯގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ. މި އެކްސްޕޯ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން އެންޑޯސްކޮށްފައިވާ ހަރަކާތެކެވެ.