24 ޖެނުއަރީ 2022
މަހެއް ނުވާ ދަރިފުޅު މިރާލް އަލާޔާ، އުރާލައިގެން އިސްމާއިލް ހަމީދު (ހައި ރައިޒް އިއްސެ) އާއި މަރިޔަމް ނިއުމާ ތިބި އިރު މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ދަރިފުޅަށް ބަންޑުންކޮށްލާ ލޯތްބެވެ. އިއްސެ އާއި ނިއުމާގެ އެ ހުވަފެން ހަގީގަތަށް ވީ 22 އަހަރު ފަހުންނެވެ.
މަހެއް ނުވާ ދަރިފުޅު މިރާލް އަލާޔާ، އުރާލައިގެން އިސްމާއިލް ހަމީދު (ހައި ރައިޒް އިއްސެ) އާއި މަރިޔަމް ނިއުމާ ތިބި އިރު މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ދަރިފުޅަށް ބަންޑުންކޮށްލާ ލޯތްބެވެ. އިއްސެ އާއި ނިއުމާގެ އެ ހުވަފެން ހަގީގަތަށް ވީ 22 އަހަރު ފަހުންނެވެ.
ދަރިއަކަށްޓަކައި އެ ދެމަފިރިން ވަރަށް ވޭނުގައި އުޅެފި އެވެ. ވާން ޖެހުނު ގުރުބާނީ ވަރަށް ހިތްދައްޗެވެ. ބަނޑުބޮޑުވިޔަސް އުފާވެރިކަން އިހްސާސެއް ނުވެ އެވެ. ކޮންމެ ފަހަރަކު ވެސް ވަކި ހިސާބަކުން ބައިގެންދަނީ އެވެ. ބައެއް ފަހަރު މަހެއް ނުވަނީހެވެ. އަނެއް ބައި ފަހަރު ދެތިން ހަތަރު މަހުގަ އެވެ. އައިވީއެފް ވެސް ވަރަށް ގިނަ ފަހަރު ހަދަން ޖެހުނެވެ. މޮޅެތި ޑޮކްޓަރުން ހޯދައި ދަތުރުނުކުރާ ގައުމެއް މަދެވެ.
އެކަމަކު ކޮންމެ ފަހަރަކު ވެސް ޕްރެގްނަންސީ ފޭލްވަނީ އެވެ.
އިއްސެ އާއި ނިއުމާ "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ހާޓް ބީޓެއް ނުލިބޭނެ. މިސްކެރީޖަކަށް ދާނެ. ނުވަ ފަހަރަށް މިގޮތަށް ދިމާވީ. އެހެންވެ ހިތަށް އެރީ އައިވީއެފް ނުވަތަ އައިޔޫއައި ޓްރައި ކުރާނީ," ނިއުމާ 41، ކިޔައިދިނެވެ.
މި ޕްރޮސެސްގައި ވެސް ފުރަތަމަކޮޅުގައި ލިބުނީ ހުސް ހިތާމަ އެވެ. ކޮންމެ ފަހަރަކު ވެސް ކުރިމަތިވީ ދެމަފިރިންނަށް ކިޔައިދޭން އުނދަގޫ، އެ ވާހަކަތައް ހަނދާވުމުން އަދިވެސް ހިތްފަޅައިގެންދާ ކަންކަމެވެ.
"ކޮންމެ ފަހަރަކު ވެސް ޕްރެގްނެންސީ ފޭލްވީމާ ވަރަށް ދެރަވޭ. އެކަމަކު ނިއުމާ ކުރިމަތީގައި އެ ދެރަ ނުދައްކާ ވޭތޯ ބަލަން. އެއީ ނިއުމާ އަށް ކޮންމެ ފަހަރަކު އެ އުފުލަން ޖެހޭ ހިތާމަ ގާތުން ފެންނާތީ،" ފެންކަޅިވެފައި އިނދެ އިއްސެ 42، ކިޔައިދިނެވެ.
ދަރިއަކު ހޯދަން 22 އަހަރުު ހޭދަކުރި ގޮތް ނިއުމާ އާއި އިއްސެ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގާތް މީހުންނާއި ބައެއް ރައްޓެހިންނަށް ވަކި ހިސާބުން އެކަން ވީ އާދައިގެ ކަމަކަށެވެ. އެ ދެމަފިރިންގެ އިހްސާސްތައް ނޭނގި މި ފަހަރު ވެސް އެހެންވީދޯއޭ ނުވަތަ އަދި އެވަރަށް މަސައްކަތް ނުކުރެވެނީއޭ ބުނެ ދޫކޮށްލާ ބަސްތަކުން ހުރިހާ ޒަހަމްތަކެއް ތާޒާވެ އެވެ.
މި ހުރިހާ ފަހަރަކު ވެސް ދެމަފިރިން ދޫކޮށްނުލީ އުއްމީދެވެ.
ސްކޫލްގައި ކިޔެވި އިރު ދިމާވެ އިއްސެ އާއި ނިއުމާ ފުރަތަމަ ކުއްޖަކު ހޯދަން ޕްލޭންކުރީ ކައިވެންޏަށް ދެ އަހަރު ފަހުންނެވެ. ފުރަތަމަ ފަހަރަށް ބަނޑުބޮޑުވެ، ވަކި ހިސާބަކުން ޑީއެންސީއަކަށް ދާން ޖެހުނީ އެވެ. ފުރަތަމަ ފަހަރު އެހެން ވިޔަސް އެ ދިމާވީ ވަރަށް ބޮޑު ކަމެކޭ އޭރަކު ދެ މީހުންގެ ވެސް ހިތަކަށް ނާރަ އެވެ. އެކަމަކު އޭގެ ފަހުން ދެން ބަނޑުބޮޑުވި ކޮންމެ ފަހަރަކު ދިމާވާ ކަންކަމުން ޕްރެގްނަންސީ ފެއިލްވުން ދެމަފިރިންނަށް ވީ ނަފްސާނީ ގޮތުން ވެސް ކެތްކުރަން ދަތިވި ކަމަކަށެވެ.
އަބަދު ރޯން ޖެހޭތީ އުފަލެއް ނުވަން. ސްޕެޝަލް ވެސް ފީލްނުވޭ. ހަމްދު ކޮށްލައިގެން ތިބީ: ނިއުމާ
އެ ހަނދާންތަކާ ކޮންމެ ފަހަރަކު ދުރުވުމަކީ އަމިއްލަ ނަފްސާ ދެކޮޅަށް ކުރާ ވަރުގަދަ ހަނގުރާމައެކެވެ. ދެ މީހުން ސިފަކުރި ގޮތުގައި އަމިއްލަ އަށް އެކަން ދިމާ ނުވާ މީހަކަށް އިހުސާސް ކުރަން ދަތިވާނެ އެވެ.
އިއްސެ އާއި ނިއުމާ ދަރިފުޅު އުރާލައިގެން: މި އުފާވެރި ކަމުގެ ފަހަތުގައި އޮތީ ހިތްދަތި ދުވަސްތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކޮންމެ ފަހަރަކު ހޮސްޕިޓަލުން ގެއަށް އައިސް އެ ހޭދަވާ މުއްދަތުގައި ވަރަށް މަސައްކަތުން ހަނދާންތަކާ ދުރުވެވުމުން އަނެއްކާވެސް ޕްލޭންކުރަން ފަށަނީ އެވެ. އައިވީއެފަކީ ހަރަދު ވެސް ބޮޑު ކަމެކެވެ. އެހެންވެ މަސައްކަތް ކޮށްގެން ފައިސާ ވެސް އެއްކުރަން ޖެހުނެވެ އެވެ.
އެ ދެމަފިރިން އައިވީއެފް ވެސް ނުހަދާ ގައުމެއް މި ސަރަހައްދުގައި ނެތެވެ. އިންޑި އާއި ސްރީ ލަންކާ އާއި ތައިލެންޑާއި ސިންގަޕޫރާ ހަމައަށް ވެސް ދަތުރުކުރި އެވެ. އެހެން ގައުމުތަކުގެ ޑޮކްޓަރުންގެ ލަފާ ވެސް ހޯދި އެވެ.
ނިއުމާ އާއި އިއްސެ އައިވީއެފް ތަޖުރިބާ ނުކުރާ ގައުމެއް މި ސަރަހައްދުގައި މަދު: އެންމެ ފަހު ފަހަރު އައިވީއެފް ހެދީ އިންޑިއާގެ ބޮމްބޭއިން. -- ފޮޓޯ: ފަޔާޒް މުސާ/ މިހާރު
"އައިވީއެފް ވެސް ދެ ފަހަރަށް ޕޮޒިޓިވްވި. އެއްވެސް ފަހަރަކު ހަމަ ކާމިޔާބެއް ނުވި," ނިއުމާ ބުންޏެވެ.
"އެންމެން ވެސް ބުނަނީ އެކަމާ ސްޓްރެސްވެގެން ވިސްނާތީއޭ އެހެން ވަނީ. އެކަމަކު ވިސްނޭނެ. އެއީ އެހާ ފަސޭހައިން އަޅާނުލައި އެއްވެސް ކަމެއް ނޫނޭ ހިތަށް އަރުވާ ވަރަށް ވުރެން ހިތަށް ތަދުވާ ކަމެއް."
"ހައި ރައިޒް" ކޮޅަށް ނެގުމުގައި އިއްސެ ކުރިމަތިލާން ޖެހުނު ޗެލެންޖުތައް ގިނަ އެވެ. ކުރަން ޖެހުނު ކޮންމެ ތަޖުރިބާއެއް އުފާވެރިއެއް ނޫނެވެ. ދިމާވި ކަންކަމުން ލިބުނު ފިލާވަޅުތައް ވެސް މަދެއް ނޫނެވެ. އެކަމަކު ރާއްޖޭގެ އެންމެ އުހަށް "ހައިރައިޒް" ގެންދިއުމުގައި ގެންގުޅުނު ޑިސިޕްލިންއަކީ އަމިއްލަ ދިރިއުޅުމުގައި ވެސް އޭނާއަށް ހުރިހާ އެއްޗެކެވެ.
ދެރަވާ ވަގުތުތަކުގައި، ހިތްވަރު ދޫކޮށްލާ ހިޔާލުތައް ގަދަވިޔަ ނުދިނުމެވެ. ނިއުމާ އަށް ވެސް އިއްސެ ދިނީ އެ ހިތްވަރެވެ. ބާވީސް އަހަރުގެ ތެރޭގައި ދިމާވި ކޮންމެ ފަހަރަކު ވެސް އެކަކު އަނެކަކު، ނަފްސާނީ ގޮތުން ވެސް ގެއްލުންވާން ދޫކޮށެއް ނުލަ އެވެ.
"އަހަންނަށް ޕާސަނަލީ ފީލްވީ ނިއުމާ ވަރަށް ބޮޑަށް ބްރޭކްޑައުންވާނެއޭ ކޮންމެ ފަހަރަކު ވެސް. އޭނާ އަށް ބޮޑުވަރު ވާނީ ވެސް މީގައި. އެހެންވެ ދޭތެރެއަކުން ބްރޭކް ވެސް ނެގުނު," އިއްސެ ބުންޏެވެ.
ނިއުމާ، ދަރިފުޅު މިރާލް އުރާލައިގެން: ހިތްދަތި ދުވަސްތަކުގައި ނިއުމާއަށް އެންމެ ބޮޑު ހިތްވަރަކީ އިއްސެ.
ދެ މީހުން އެންމެ ދެރަވެ އެކަނިވާ ވަގުތަކީ ކޮންމެ ފަހަރަކު ވެސް ވަކި ހިސާބަކުން ޕްރެގްނެންސީ ފެއިލްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުމެވެ.
"ދެ މީހުން އެކަނި މިކަމުގެ ތެރޭގައި އުޅެން ޖެހުނީ. އިއްސެ ވަރަށް ސަޕޯޓިވް. ނޫން ނަމަ ދިމާވި ކަންކަމުން އަރައިގަންނާކަށް ފަސޭހައެއް ނުވާނެ," ނިއުމާ ބުންޏެވެ.
ދެމަފިރިން ހިތްހަމަޖެހުން ހޯދީ ނަމާދާއި ދުއާ އިންނެވެ. ނިއުމާގެ ބައްޕަ, އެ ދެމަފިރިން ހައްޖަށް ވެސް ފޮނުވި އެވެ. ދަރިއަކު ލިބުމަކީ ބައްޕަގެ ވަރަށް ބޮޑު އުއްމީދެކެވެ. ނިއުމާ ބުނިގޮތުގައި އޭނާ އެންމެ އުފާވީހީ ބައްޕަ ދުނިޔޭގައި ހުއްޓާ މިރާލް ލިބުނު ނަމަ އެވެ.
"މިކަން ފުރިހަމަ ވޭތޯ ވަރަށް ދުއާކުރިން. ދިރިއުޅުމުގައި އެހެން ހުރިހާ ކަމެއް ފުރިހަމަ ވެފައި ހުރީ ދަރިއަކު ފިޔަވައި. ފުރުސަތެއް ލިބޭ އިރަށް ޑޮކްޓަރުންނާ ވާހަކަ ދައްކައި ހަދަން. ނިއުމާ އެންމެ އުފާވީހީ ބައްޕަ ދުނިޔޭގައި ހުއްޓައި މިރާލް ލިބުނު ނަމަ،" އިއްސެ ކިޔައިދިނެވެ.
"ދެ މީހުންނަށް އެއްވަރަކަށް މަސައްކަތް ނުކުރެވިއްޖިއްޔާ ވެސް މިކަމެއް ނުވާނެ."
އިއްސެ އާއި ނިއުމާގެ ތަޖުރިބާ ކިޔައިދެމުން ބުނީ ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް ދަރިއަކު ނުލިބިއްޖެ ނަމަ ގިނައިން ފަރުވާކުރަނީ އަންހެން މީހާ އަށެވެ. ފިރިހެން މީހާގެ މައްސަލައަކުން ދަރިއަކު ނުލިބިދާނެ ކަމަށް ވިސްނަން ވެސް ބޭނުންވާ ފަހަރުތައް އާދެ އެވެ.
އެކަމަކު އޭގައި އެންމެ ރަނގަޅު ގޮތަކީ ދެ މީހުން ވެސް ޑޮކްޓަރަށް ދައްކައި ކަށަވަރު ކޮށްގެން ފަރުވާ ކުރަން ފެށުމެވެ. ދެ މީހުންގެ ޓެސްޓްތައް ހަދަން ޖެހެ އެވެ.
ބަނޑުބޮޑުވުމުން ވިހެއުމާ ހަމައަށް ދެމިގެންދާ އުފާވެރިކަން ނިއުމާ އާއި އިއްސެއަށް އެންމެ ފަހު ފަހަރު ވެސް ވީ ބިރަކަށެވެ. ބަނޑުބޮޑުވިޔަސް އުފަލެއް ނުވެ އެވެ. ދެން ވެދާނެ ގޮތެއް ނޭނގޭތީ އެވެ.
އިއްސެ އާއި ނިއުމާ އެންމެ ފަހުން އައިވީއެފް ހެދީ އިންޑިއާގެ ބޮމްބޭ އިންނެވެ. ނަސީބު އަތުގައި ހިފީ ކޮވިޑްގެ ލޮކްޑައުން ތެރޭގައި އިންޑިއާ އަށް ގޮސް އުޅެނިކޮށް ދިމާވި ބޮލީވުޑާ ގުޅުން އޮންނަ ހައި ޕްރޮފައިލް ބައެއްގެ ފަރާތުން ދިމާވި ޑޮކްޓަރެއްގެ ފަރުވާ އިންނެވެ.
ނިއުމާ އާއި އިއްސެ: ކުރީ ފަހަރުތަކުގައި ދިމާވި ގޮތުން، ދަރިފުޅު ވިހެއުމާ ހަމައަށް ވެސް ދެމަފިރިންނަށް އުފަލެއް އިހްސާސް ނުވޭ.
އެ ޑޮކްޓަރުގެ ފުރަތަމަ ބައްދަލުވުމުގައި އިއްސެ އާއި ނިއުމާ އަށް ހަނދާންކޮށްދިނީ ދަރިން ދެއްވަނީ ވަކި ފަރާތަކުން ކަމެވެ. އެކަމަށް އެ ދެމަފިރިން ކުރާ މަސައްކަތުގައި އެހީވެވެން އޮތް ވަރަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.
މި ފަހަރު ބަނޑުބޮޑުވި އިރު އެހެން ފަހަރުތަކަށް ވުރެން އުއްމީދުތައް އާވެފައި ވިޔަސް ދެމަފިރިން އެކަން ފާހަގަކޮށް ނުހަދަ އެވެ.
"އަބަދު ރޯން ޖެހޭތީ އުފަލެއް ނުވަން. ސްޕެޝަލް ވެސް ފީލް ނުވޭ. ހަމްދު ކޮށްލައިގެން ތިބީ،" ނިއުމާ ބުންޏެވެ.
ބަނޑުބޮޑުވި ވާހަކަ އާއިލާގެ ބައެއް މީހުންގެ ގާތުގައި ބުނީ ވެސް ހަތަރު ވަރަކަށް މަސް ފަހުންނެވެ. އޭރު ދިޔައީ ކޮންމެ ދުވަހަކު ނަގަން ޖެހޭ އިންޖެކްޝަންތައް ވެސް ޖަހަމުންނެވެ. ވަކި ހިސާބަކުން ބްލީޑްވާން ފެށި އެވެ. ދެމަފިރިން ވަރަށް ބިރުގަތެވެ. އެކަމަކު ނަސީބަކުން މާބޮޑު ކަމަކަށް އެކަން ނުވެ ރަނގަޅު ވީ އެވެ.
މާލޭގައި ވަރަށް ރަނގަޅު ގައިނޮކޮލޮޖިސްޓަކަށް ދެއްކިއަސް ބޮމްބޭގައި ޓްރީޓްމަންޓް ހެދި ޑޮކްޓަރަށް ވެސް ދިޔައީ ވާނުވާ އަންގަމުންނެވެ. އެއީ އެ ޑޮކްޓަރު އެދުނު ގޮތެވެ.
ހައި ރިސްކް ޕްރެގްނަންސީ އެކެވެ. ހަކުރު މަތިވެ ލޭ މައްޗަށް ދިއުމުގެ އިތުރުން ކިޑްނީގައި ވެސް މައްސަލަތަކެއް ދިމާވި އެވެ. އެހެންވެ ނިއުމާ އުޅެން ޖެހުނީ ވަރަށް ބަލައިގެންނެވެ. މާލޭގައި ދިމާވި އެންމެ އުނދަގޫ ކަމަކީ ޑީޕްކޮށް ޖަހަން ޖެހޭ އިންޖިކްޝަންތައް ނުލިބުމެވެ.
"އެކި ގައުމުތަކުން ޓްރީޓްމަންޓް ނަގައިގެން އިންޖެކްޝަން ޖަހާ ކުދިން އުޅޭ. އެކަމަކު އެ ޖަހަނީ ކުޑަ ކައްޓެއްގައި. އޭރުން މިވާ ގޮތަކީ ދެހެން ދޭތެރޭގައި ދޮސް އުފެދުން. ނިއުމާގެ ވެސް ޖެހުނު ދެ ފަހަރަށް ނަގަން. މިއީ ވަރަށް ތަދުވާ ކަމެއް," އިއްސެ ކިޔައިދިނެވެ.
އިއްސެ "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާގެ ތަޖުރިބާ އިން އައިވީއެފްގެ ނަމުގައި ހިންގާ ބައެއް ގޯސްތައް ހިއްސާކޮށްދިން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޑިއު ޑޭޓަށް ވުރެން ކުރިން ނިއުމާ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނެވެ. އެހެން އޮއްވައި އެއް ރޭ ދަންވަރު ވޯޓަބޭގް ފަޅައިގެން ދިއުމުން ޖެހުނީ ވަގުތުން ސިޒޭރިއަނަކަށް ދާށެވެ.
"ވަރަށް ހާސްވި ކުއްލިއަކަށް އެހެންވީމާ. އެކަމަކު ސިޒޭރިއަނަށް ފަހު ކުއްލިއަކަށް ބޭބީގެ އަޑު އިވުނީމާ ސިއްސައިގެން ގޮސް ނަރުސް ކުއްޖާގެ އަތުގައި ބާރަށް ހިފައި ވެސް ގަނެވުނު. ވަރަށް ވަރަށް އުފާވި."
ނިއުމާ ވިހެއިރު އާއިލާގެ އެންމެން ވެސް ހޮސްޕިޓަލުގައި ތިއްބެވެ.
"ވަރަށް އުފާވާ ވަރަށް އެޕްރިޝިއޭޓްކުރާ ވަގުތެއް އެއީ،"" އިއްސެ ބުންޏެވެ.
ދަރިއަކު ހޯދަން ކުރާ މަސައްކަތުގައި ނާއުއްމީދާ އެކު ހިތްހަމަނުޖެހޭ ކަންކަން ދިމާވި ފަހަރުތައް ވެސް މަދެއް ނޫނެވެ. ދަރިއަކު ހޯދަން ކުރާ ފަރުވާ ބައެއް ގައުމުތަކުގައި ހިމެނިފައި އޮންނަނީ މެޑިކަލް މާފިއާގެ ތެރޭގަ އެވެ. ލަނޑު ވެސް ދެ އެވެ. ކަޓުގެ ގޮތުގައި އެތައް ފައިސާއެއް ވެސް ނަގަ އެވެ.
އިއްސެ އާއި ނިއުމާ: ދަރިއަކު ހޯދަން ކުރި މަސައްކަތުގައި އެ ދެމަފިރިންނަށް އެންމެ ރަނގަޅު ޑޮކްޓަރުންނާ ދިމާވީ ބޮމްބޭ އިން.
"ރިޕްރޮޑަކްޓިވް ބިޒްނަސްއަކަށް މިކަން ވެފައި އޮންނަނީ. މާކެޓްގައި މި ޕްރޮސެސް ވިއްކާ މީހުން އެބައުޅޭ. ވަރަށް ބޮޑެތި އަދަދުތައް, 25,000-40,000 ޑޮލަރު ނަގާ. ކުއްޖެއް ބޭނުންވެފައި ތިބޭ ދެމަފިރިއަކަށް ހުރިހާ ފައިސާއެއް ދީގެން ވެސް މިބަލަނީ ބޭބީއެއް ލިބޭތޯ."
އިއްސެ އާއި ނިއުމާ ވެސް މިކަމުގެ ތެރޭގައި އުޅެން ޖެހުނެވެ. ދިމާވާ ވަކި މީހަކު ބޭނުންވާ ޑޮކްޓަރަކު ލައްވައި އައިވީއެފް ހަދުވަން ވެގެން އެހެން އެއްވެސް މީހަކާ އެ ދެމަފިރިން ބައްދަލުވެ ވާހަކަ ދައްކައި ހެދުން ވެސް ހުއްޓުވާ ހިސާބަށް ކަންކަން ގެންގޮސްފައި އެބަހުއްޓެވެ.
"ރިޕްރޮޑަކްޓިވް ބިޒްނަސްއަކަށް މިކަން ވެފައި އޮންނަނީ. މާކެޓްގައި މި ޕްރޮސެސް ވިއްކާ މީހުން އެބައުޅޭ. ވަރަށް ބޮޑެތި އަދަދުތައް, 25,000-40,000 ޑޮލަރު ނަގާ. ކުއްޖެއް ބޭނުންވެފައި ތިބޭ ދެމަފިރިއަކަށް ހުރިހާ ފައިސާއެއް ދީގެން ވެސް މިބަލަނީ ބޭބީއެއް ލިބޭތޯ."
އިއްސެ ކިޔައިދިން ގޮތުގައި ބައެއް ތަންތަނުން މި ފަރުވާއަށް ކަޓާއެކު އެތައް ގުނަ ބޮޑުކޮށް ނަގަ އެވެ. މިއީ ސަމާލުވާން ވެއްޖެ ކަމެކެވެ. ދަރިއަކު ބޭނުންވެފައި ތިބޭ ވަރުން މީހުން ދައްކާހާ ހުރިހާ ވާހަކައެއް ވެސް ގަބޫލުކުރެވޭ ފަހަރު އަންނަނީ އެވެ.
"އަހަރެމެން ވަރަށް ގިނަ ތަންތަން ޓްރައި ކުރީމާ މި އެނގުނު އެއްޗަކީ ޓްރިވެންޑްރަމްގައި ކޮޗިން އަދި ޗެންނާއީ ވިޔަސް އައިވީއެފް ޓްރީޓްމަންޓް ހަދަން އަންނަނީ ބޮމްބޭ މީހެއް. އެހެންވީމާ ރާއްޖެ އިން ދާ މީހަކު ދާންވީ ބޮމްބޭ އަށް ހެން ހީވަނީ. މިއީ ހަރަދު ކުޑަވެފައި ސީދާ އެ ކަމުގެ ޑޮކްޓަރުންނަށް އެޓެންޑް ވެސް ކުރެވޭނެތީ."
ނިއުމާ، ދަރިފުޅު މިރާލްއާ އެކު.
އޭނާ ބުނިގޮތުގައި އެންމެ ފަހު ފަހަރު ފަހަރު އައިވީއެފް ހެދީ ކުރީ ފަހަރުތަކުގައި ހެދި ވަރަށް ވުރެ މާ ބޮޑު ތަން ވެސް އަގު ހެޔޮކޮށެވެ.
އެންމެ އުނދަގޫ ކަމަކަށް ދިމާވަނީ ޓްރީޓްމަންޓް ނަގާފައި ދެން ފަހުން އެ ޑޮކްޓަރުންނާ ވާހަކަ ދެއްކުން ނުވަތަ ކޮމްޕްލިކޭޝަނެއް ދިމާވިޔަސް ހަދަންވީ ގޮތެއް ނޭނގި ތިބެން ޖެހުމެވެ. އެކަމަކު ބޮމްބޭ އިން ދިމާވި ޑޮކްޓަރު އެކަން ވެސް ލުއިކޮށްދިން ކަމަށް އިއްސެ ބުންޏެވެ.
ރާއްޖޭގެ ނިސްބަތުން ދަރިން ނުލިބޭ މީހުން ގިނަ އެވެ. އެހެންވެ އައިވީއެފް ޓްރީޓްމަންޓަށް ދާ މީހުން ގިނަ އެވެ. އިންޑިއާގެ އެކި ހޮސްޕިޓްލަތަކުން މި ފަރުވާ ނަގާ ތަފާސްހިސާބުތަކުން ފެންނަން އޮތީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ބައެއް ހޮސްޕިޓަލްތަކުގައި ދިވެހިން އޮންނަނީ ފުރާލައިފަ އެވެ. އެކަމަކު މީގެ ތެރެއިން ކާމިޔާބު ވަނީ ނިސްބަތުން މަދު ޕަސެންޓެއް ކަން މިކަމުގެ ތެރޭގައި އުޅޭ މީހުންގެ ވާހަކަތަކުން އެނގެ އެވެ.
އަނެއް ކަންބޮޑުވުމަކީ ފާޓިލިޓީ ޓްރީޓްމަންޓްތަކަށް އާސަންދައިގެ ދަށުން ވެސް އެއްވެސް އެހީއެއް ނުލިބުމެވެ. އައިވީއެފް ޓްރީޓްމަންޓުގެ އަގު ބޮޑުއިރު ކޮންމެވެސް އެހީއެއް ސަރުކާރުން މިކަމަށް އޮންނަން ޖެހެ އެވެ.
ނިއުމާ އާއި އިއްސެ: އެ ދެމަފިރިންގެ ދަރިފުޅަކީ އެތައް އަހަރެއްގެ އަނދިރި ދުވަސްތަކުން ހޯދި ހިތްވަރު. -- ފޮޓޯ؛ ފަޔާޒް މޫސާ/ މިހާރު
އިއްސެ ވެސް ބުނީ އެތައް އާއިލާއެއް ވޭނުގައި ތިބި މިކަމަކީ ސީރިއަސްކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ޖެހިފައި އޮތް ކަމެކެވެ. ރާއްޖޭގައި އެ މަގު ހުޅުވައިދޭން ޖެހެ އެވެ.
ދަރިއަކު ހޯދަން ކުރާ މަސައްކަތުގައި ހިތާމަތަކާ ދިމާވާނެ އެވެ. އިއްސެގެ ދެމަފިރިން ކުރި ހޯދީ އެކަކު އަނެކަކު އެކަނިކޮށް ނުލައި ހިތްވަރުކޮށްގެންނެވެ. މިކަމުގައި އެކަކު އެނަކަކުގެ ކުށް ދެއްކުމެއް ނެތެވެ. އެކުގައި ހިތްވަރު ކޮށްފި ނަމަ ކާމިޔާބުވާނެ އެވެ. އެ ދެމަފިރިންގެ ދަރިފުޅަކީ އެތައް އަހަރެއްގެ އަނދިރި ދުވަސްތަކުން ހޯދި ހިތްވަރެވެ.
"ދުއާކުރިން. މަސައްކަތް ކުރިން. ހިތްވަރު ދޫކޮށްނުލަން. އެ ހުރިހާ ކަމެއް މި ހާސިލްވީ," ނިއުމާ ބުންޏެވެ.
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
ފިރިހެނުން ހިމޭނުން، މިއީ ދައްކަން ވެއްޖެ ވާހަކައެއް!
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މާމަދަރި ލިބުނީ މާމަގެ ބަނޑުން
ދަރިމައިވުމުގެ ރޭޓާ އެކު ދުނިޔޭގެ އާބާދީ ކުޑަވަނީ!
ދަރިން ނުލިބޭނޭ ބުންޏަސް މިހާރު 5 ކުދިންގެ މައެއް
ފިރިހެނުންނަށް ކޮންމެ ދުވަހަކު ކޮފީ އާއި ސައި މުހިއްމު
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ
ދަރިއަކު ހޯދަން ކުރި ފަރުވާ ދައްކުވައިދޭ ވަރުގަދަ ފޮޓޯ