Roadha Mihaaru

ޖާހުގެ އެއްބަސްވުން އެޗްޑީސީން އުވާލި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ޖާހުގެ އެއްބަސްވުން އެޗްޑީސީން އުވާލި މައްސަލަ ކޯޓަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

17 އެޕްރީލް 2025

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.

ޖާހުގެ ފަރާތުން ވަނީ އެޗްޑީސީން ބިމާ ހަވާލުވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. އަދި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ، ކޯޓުން ވަގުތީ އަމުރު ނެރެދޭންޖެހޭނެ ހާލަތެއް ނެތްކަމަށް އެ ކުންފުނިން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.

ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން އަންގާފައިވަނީ ވަގުތީ އަމުރު ނެރެދިނުމާއި މެދުގައި އެންމެ ލަސްވެގެން އަންނަ އާދީއްތަ ދުވަހުގައި ގޮތެއް ނިންމާނެ ކަމަށެވެ.

"ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

އެކަމަކު އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން ޖާހު އަށް ދިން "ގާނޫނީ ނޯޓިސް" ގެ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓްގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުން ބާތިލްކޮށް، އެ ތަން ހަވާލުކުރަން އެންގީ ކަމަށެވެ.

އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.

އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، އެ މަސައްކަތް ވެސް ނިމިފައެއް ނުވެ އެވެ.