Roadha Mihaaru

އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން "ލިވް އަންލިމިޓަޑް" ލޯންޗުކޮށްފި އެވެ.

އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 އެޕްރީލް 2025

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން "ލިވް އަންލިމިޓަޑް" ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިން ލޯންޗްކުރީ މިއަދު އުރީދޫގެ ހެޑް އޮފީހުގައި އޮތް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މި އަހަރުގެ އޮގަސްޓު މަހު އުރީދޫއިން ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ބައެއް ހަރަކާތްތަކާއި އޮފާތައް ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އެޕަލް ސްމާޓް ވޮޗަށް އީސިމްގެ ހިދުމަތް ތައާރަފް ކުރުމާއި ސުޕަނެޓާއި އެކު ސްމާޓް ހޯމް ސެކިއުރިޓީ ބަންޑަލްއެއް ވަނީ ތައާރަފް ކޮށްފަ އެވެ.

އުރީދޫގެ އަހަރީ ދުވަހަކީ އޮގަސްޓް އެއް ވަނަ ދުވަހެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | އުރީދޫ

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | އުރީދޫ

އެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދިނުމުގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ، އެ ދާއިރާއިން އާ މަގުތައް ތަނަވަސް ކޮށްދެމުންދާ "ޕޭސް މޭކާ" ކަމަށެވެ. އަދި ރާއްޖޭގައި އަލަށް އެޕަލް ސްމާޓް ވޮޗްއަށް އީސިމްގެ ހިދުމަތް ތައާރަފްކުރުމަކީ އަނެއްކާވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަވާނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އެޕަލް ސްމާޓް ވޮޗަށް އީސިމްގެ ހިދުމަތް ފުރަތަމަ ހަ މަހު ހިލޭ ލިބޭނެ އެވެ. އެއަށް ފަހު ކޮންމެ މަަހަކު އެ ހިދުމަތަށް ދައްކަން ޖެހޭނީ 199ރ. އެވެ. އުރީދޫއިން މިއަދު ތައާރަފް ކުރި ސްމާޓް ހޯމް ސެކިއުރިޓީ ސިސްޓަމަކީ ގޭގައި އިންސްޓޯލުކުރެވޭ ވީޑިއޯ މޮނިޓަރިން ސިސްޓަމްތަކެއް ހިމެނޭ ބަންޑަލްއެކެވެ. އެ ސިސްޓަމް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެން ވެސް ގޭގެ ލައިވް ފުޓެޖް ބަލާލެވޭނެ އެވެ. މި ސިސްޓަމް އިންސްޓޯލްކުރުމުގެ ހިދުމަތް ވެސް އުރީދޫން ދޭނެ އެވެ.

ސްމާޓް ސެކިއުރިޓީ ސިސްޓަމް ބަންޑަލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްމާޓް ސެކިއުރިޓީ ސިސްޓަމް ބަންޑަލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަލަށް ތައާރަފް ކުރަން އިއުލާނު ކުރި މި ދެ ހިދުމަތުގެ އިތުރުން އަހަރީ ދުވަހާ ގުޅުވާ ބާއްވަން ހަމަޖެހިފައިވާ އެކި ހަރަކާތްތައް ވެސް އިއުލާނުކުރި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މި އަހަރުގެ ވެސް އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު މަސް ރޭސް ބާއްވާނީ ކައުންސިލްތަކާއި ގުޅިގެން ބޮޑު އީދެއްގެ ގޮތުގައި ކަމަށާއި މި ފަހަރު މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ރަށްތަކުގެ ކައުންސިލްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އީ ސިމްގެ ހިދުމަތް ދޭން ފަށާ އެޕަލް ވޮޗް ސީރީޒްގެ ގަޑިއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީ ސިމްގެ ހިދުމަތް ދޭން ފަށާ އެޕަލް ވޮޗް ސީރީޒްގެ ގަޑިއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒް ވިދާޅުވީ މަސް ރޭހުގެ އިތުރުން މި އަހަރުގެ ފަން ރަން އައްޑޫގައި ބާއްވާނެ ކަމަށެވެ. އަދި ކަނޑުއަޑީގެ ހާއްސަ ހަރަކާތަކާއި ކަސްޓަމަރުންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އުރީދޫގެ އެމްބެސަޑަރުގެ ގޮތުގައި "ލައިފް އޮފް އަ ފިޝަމަން"ގެ ގޮތުގައި ސޯޝަލް މީޑިއާގައި މަޝްހޫރު ރާޝިދު އާދަމް ހަމަޖައްސާފައިވާ ކަމަށާއި އޭނާ އާ އެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރުގެ އަހަރީ ދުވަހާ ގުޅުވާ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ބޮޑު އިނާމަކަށް ހައްޖު ދަތުރެއް ހުށަހަޅާފައިވާ އެ ޕްރޮމޯޝަން ފަށާ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.