Roadha Mihaaru

ސާބާ ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ޓެމިލް ނާޑޫ އަށް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އިން ބޭއްވި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕްގެ ތަށި، އިންޑިއާގެ ޓެމިލް ނާޑޫ ހޯދައިފި އެވެ.

ސާބާ ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ޓެމިލް ނާޑޫ އަށް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އިން ބޭއްވި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕްގެ ތަށި، އިންޑިއާގެ ޓެމިލް ނާޑޫ ހޯދައިފި އެވެ.

މި މަހުގެ 2 އިން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓެމިލް ނާޑޫ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިއަންކަމާ އެކު ޓެމިލް ނާޑޫ ވަނީ އަންނަ މަހު އޮންނަ ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގް ފައިނަލް 8 އަށް ކޮލިފައި ވެފަ އެވެ. މިދިޔަ އަހަރުގެ ވެސްޓް އޭޝިއާ ސުޕަ ލީގް ފައިނަލް 8 ގައި ވެސް ދެކުނު އޭޝިއާ ތަމްސީލު ކޮށްފައި ވަނީ ޓެމިލް ނާޑޫ އެވެ.

ރާއްޖޭގެ ޗެމްޕިއަން ޓީރެކްސް ބީސީ އާއެކު ޖުމްލަ ފަސް ޓީމު ވާދަކުރި ކްލަބް ޗެމްޕިއަންޝިޕްގައި، ޓެމިލް ނާޑޫ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ބޫޓާނުގެ ކްލަބް ތިމްޕޫ މެޖިކްސް އަތުން 107-41 އިން މޮޅުވެފަ އެވެ. އަދި ދެ ވަނަ މެޗުގައި ސްރީލަންކާގެ ކޮލޮމްބޯ ބީސީ އަތުން މޮޅުވީ 110-54 އިންނެވެ. އެއަށް ފަހު ނޭޕާލްގެ ޓައިމްސް ބީސީ 118-44 އިން ބަލިކޮށް، ހޯމަ ދުވަހުގެ ރޭ ޓީރެކްސް ބަލިކުރީ 106-49 އިންނެވެ.

ޓީރެކްސް އަށް ލިބުނީ މުބާރާތުގެ ހަތަރުވަނަ އެވެ. ޓީރެކްސް ވަނީ ފުރަތަމަ ކުޅުނު މެޗުގައި 71-47 އިން ތިމްޕޫ ބަލިކޮށް ފެށުން ރަނގަޅު ކޮށްފަ އެވެ.

މި މުބާރާތުގައި ރަނގަޅު ވާދައެއް ކުރި ނަމަވެސް އިތުރު މެޗެއް ޓީރެކްސް އަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު 74-79 އިން ކޮލޮމްބޯ ބީސީ އަތުން ބަލިވި އިރު، ހުކުރު ދުވަހު ޓައިމްސް ބީސީ އަތުން ބަލިވީ 67-59 އިންނެވެ.

މުބާރާތުން ރިހި މެޑަލް ހޯދީ ކޮލޮމްބޯ އެވެ. އެޓީމު ވަނީ 71-66 އިން ޓައިމްސް ބީސީ ބަލިކޮށް، ތިމްޕޫ އަތުން 98-51 އިން މޮޅުވެފަ އެވެ. އަދި ބްރޯންޒް މެޑަލް ހޯދި ޓައިމްސް ބީސީ ވަނީ 87-59 އިން، ފުލަށް ދިޔަ ތިމްޕޫ ބަލިކޮށްފަ އެވެ.