Roadha Mihaaru

ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭ ތަމްސީލުކުރާނީ ޓީރެކްސް

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން މުޅިން އަލަށް ބާއްވާ ސާބާ ކްލަބް ޗެމްޕިއަންޝިޕް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީރެކްސް

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން މުޅިން އަލަށް ބާއްވާ ސާބާ ކްލަބް ޗެމްޕިއަންޝިޕް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

އޭޕްރީލް 2-7 އަށް އިންޑިއާގެ ނިއު ދިއްލީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މި މުބާރާތުން ފުރުސަތު ލިބެނީ ދެކުނު އޭޝިއާގެ ކޮންމެ ގައުމަކުން އެންމެ ފަހުގެ ގައުމީ ލީގު ކާމިޔާބު ކުރި ޓީމަށެވެ.

އެގޮތުން ރާއްޖެ ތަމްސީލު ކުރާނީ، މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯލް ލީގު ކާމިޔާބު ކުރި ޓީރެކްސް ބީސީ އެވެ. ޓީރެކްސް ލީގު ޗެމްޕިއަންކަން ހޯދާފައި ވަނީ ކުރީ ތިން އަހަރުގެ ޗެމްޕިއަން ކިންގްސް ބީސީ ފަހަތަށް ޖައްސާލައިފަ އެވެ.

މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކުރި ޓީރެކްސް ވަނީ މިއަހަރު ބޭއްވި އެމްބީއޭ ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ޓީރެކްސްގެ އިތުރުން ދެން ވާދަކުރާނީ އިންޑިއާގެ ޓެމިލް ނާޑޫ، ސްރީލަންކާގެ ކޮލޮމްބޯޯ ބީސީ، ނޭޕާލްގެ ޓައިމްސް ބީސީ، ބޫޓާންގެ ތިމްޕޫ މެޖިކްސް އަދި ޕާކިސްތާންގެ އައިއެސްބީ ޕެންތާސް އެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހު ޓީރެކްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތިމްޕޫ މެޖިކްސްއާ އެވެ. އަދި ބުރާސްފަތި ދުވަހު ކޮލޮމްބޯ ބީސީއާ ދެކޮޅަށް ކުޅުމަށް ފަހު ހުކުރު ދުވަހު ނުކުންނާނީ ޓައިމްސް ބީސީއާ ދެކޮޅަށެވެ.

ހަތަރު ވަނަ މެޗުގައި އޭޕްރީލް 6 ވާ އާދީއްތަ ދުވަހުގެ ރޭ ޓެމިލް ނާޑޫއާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ކުޅޭނީ އައިއެސްބީ ޕެންތާސްއާ އެވެ.