Roadha Mihaaru

ދިއްދޫގައި ލޮނު އުފައްދައި ޖަޕާނަށް އެކްސްޕޯޓްކުރަނީ

ހއ. ދިއްދޫގައި، ލޮނު އުފައްދާ ފެކްޓަރީއެއް އިއްޔެ ހުޅުވައި ޖަޕާނަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިއްދޫގައި ލޮނު އުފައްދައި ޖަޕާނަށް އެކްސްޕޯޓްކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

07 އެޕްރީލް 2025

ހއ. ދިއްދޫގައި، ލޮނު އުފައްދާ ފެކްޓަރީއެއް އިއްޔެ ހުޅުވައި ޖަޕާނަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ކުންފުނި އެމް ޑީޕް އިންވެސްޓްމަންޓާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން މިހާރު ވަނީ ދިއްދޫގައި ކައްކާ ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވައިފަ އެވެ.

ދިއްދޫ ކައުންސިިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ފެކްޓަރީއަކީ އެ ރަށު ކައުންސިލާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ހުޅުވި ތަނެއް ކަމަށެވެ. ކައުންސިލަށް ބިމު ކުލި ލިބޭ ގޮތަށާއި ރަށުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ ގޮތަށް އެ ފެކްޓަރީ ހެދުމުގެ މަސައްކަތް ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އިންވެސްޓްކުރަން ހުޅުވާލި ބިންތަކުގެ ތެރެއިން ބިމެއްގައި ޖަޕާނުގެ ކުންފުންޏަކުން ޝައުގުވެރިވެގެން ހުޅުވި ތަނެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ މި ފެކްޓަރީ ހެދުމުގެ ކުރިން އެ ކުންފުނިން އެ ރަށުގެ މޫދުން ލޮނު ނަގައިގެން ޖަޕާނަށް ގެންގޮސް ޓެސްޓުތައް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި އަދި ނުކުރާ ކަމެއް މިއީ. ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުވީމަ، މިއީ ކުރެވިދާނެ ކަމެއް ކަމަށް އެ ބޭފުޅުން [ޖަޕާނު ކުންފުނިން] މިކޮޅަށް ކުރި ދަތުރެއްގައި އަޅުގަނޑުމެންނާ މަޝްވަރާކޮށްފައި އޮތީ. ލޮނު ރަނގަޅު ކަމާއި ލޮނު ޖަޕާނަށް ގެންގޮސްގެން ޓެސްޓު ވެސް ކޮށްފައި ވިދާޅުވީ ވަރަށް ރަނގަޅު ކޮލިޓީގެ ލޮނު ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި އެ ފެކްޓްރީގައި ޕްރޮޑަކްޝަން މިހާރު ވަނީ ފަށައިފަ އެވެ. އެ ތަނުގައި އުފައްދާ ލޮނު މި ވަގުތު މާކެޓް ކުރާނީ ޖަޕާނަށާއި ރާއްޖޭގެ ރިސޯޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.