Roadha Mihaaru

ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 އެޕްރީލް 2025

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އެ ޕާޓީގެ ބައެއް މެމްބަރުންނަށް ޝަމްހީދު މިއަދު ފޮނުއްވި މެސެޖުގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި 2012 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ޝަމްހީދު ވަނީ ރިޔާސީ ޓިކެޓް ހޯދުމަށް އަޅާ "ފުރަތަމަ ފިޔަވަޅަށް" އެ ބޭފުޅުންގެ ތާއިދަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޝަމްހީދު އެ މެސެޖު ފޮނުއްވިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ޝަމްހީދުގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެގެން މިހާތަނަށް އިއުލާނުކުރެއްވީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އޭނާ އެކަން ހާމަކުރެއްވީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް ގްރޫޕަށް ފޮނުއްވި މެސެޖުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ބައެއް މެމްބަރުން ވެސް ދަނީ އެ މަނިކުފާނަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ. ނަމަވެސް، އިންތިހާބާ ގުޅޭގޮތުން އިބޫ އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން އެމްޑީޕީގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވާފައިވާ ކަަމަށާއި ކުރިއަށް ވަޑައިގަންނަވާނެ ގޮތް ވެސް އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް "ހަތަރު ފަސް" މެމްބަރަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ވާދަވެރި އެތެރޭގެ އިންތިހާބެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.