Roadha Mihaaru

އީކޮމާސް ޕްލެޓްފޯމް "ޓީމޫ"އިން ދިވެހިންނަށް މިހާރު ވިޔަފާރި ކުރެވޭނެ

ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފަށައިފި އެވެ.

އީކޮމާސް ޕްލެޓްފޯމް "ޓީމޫ"ގެ ހިދުމަތް ރާއްޖެއަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 އެޕްރީލް 2025

ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފަށައިފި އެވެ.

ޓީމޫ އަކީ އެމެރިކާ އާއި ޔޫރަޕްގައި ނަން މަޝްހޫރު އޮންލައިންކޮށް ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމެކެވެ. "ޓީމޫ"އިން ރާއްޖެއަށް ޝިޕިން ތައާރަފްކުރީ މި ސަރަހައްދުގެ ގައުމުތަކަށް އެ ޕްލެޓްފޯމްގެ ހިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

އެ ޕްލެޓްފޯމުގައި ގިނަ އަދަދެއްގެ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ހުރެ އެވެ. އޭގެ ތެރޭގައި އިލެކްޓްރޯނިކްސް އާއި ގެ ޒީނަތްތެރިކުރުމަށް ބޭނުން ކުރާނެ އެކި އުފެއްދުންތަކާއި ހެދުމާއި އެކި އެސަސަރީޒް ހުރެ އެވެ.

ޓީމޫ އަކީ ޔޫސާ ފްރެންޑްލީ އެޕެކެވެ. އެ އެޕުން ފަސޭހައިން އެކި ޕްރޮޑަކްޓްތައް ބްރައުޒްކޮށް އޯޑަރުކޮށް، ފައިސާ ދެއްކޭނެ އެވެ. ޓިމޫ އިން އޯޑަރުކުރާ ތަކެއްޗަށް ފްރީ ޝިޕން ލިބޭނެ އެވެ. އަދި އޯޑަރުކުރާ ތަކެތި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ އެވެ.

ޓީމޫގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގައި ބޭނުންކުރަން ފަށައިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓީމޫގެ ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި ހޯމްޑެލިވަރީ އަދި ކައުންޓާ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ޕެކޭޖުތައް ފޯރުކޮށްދިނުމަށް ޕޯސްޓް އޮފީހުން މަސައްކަތް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖެއަށް ޓީމޫގެ އޮންލައިން މާކެޓްޕްލޭސް ހިދުމަތް ލިބެން ފެށުމަކީ އީ-ކޮމާސްގެ ދާއިރާ ފުޅާކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ޗައިނާ އާއި ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާ ގުޅިގެން އިތުރު އީކޮމާސް ޕްލެޓްފޯމްތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕޯސްޓް އޮފީހުން ބުންޏެވެ.