Roadha Mihaaru

ކުދި ވިޔަފާރިތައް ރާއްޖެ އާއި ބޭރުގެ މާކެޓްތަކާ ގުޅުވައިދިނުމުގައި މޯލްޑިވްސް ޕޯސްޓަށް 119 އަހަރު

މޯލްޑިވްސް ޕޯސްޓަށް 119 އަހަރު ފުރިއްޖެ އެވެ.

މޯލްޑިވްސް ޕޯސްޓަށް 119 އަހަރު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

10 ސެޕްޓެމްބަރ 2025

މޯލްޑިވްސް ޕޯސްޓަށް 119 އަހަރު ފުރިއްޖެ އެވެ.

މޯލްޑިވްސް ޕޯސްޓަށް އިއްޔެ 119 އަހަރު ފުރުން ރަސްމީކޮށް ފާހަގަކުރި ނަމަވެސް، ޕޯސްޓުގެ ހިދުމަތް އެ ކުންފުނިން ރާއްޖޭގައި ދެމުންދާތާ އެއަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ރާއްޖޭގައި 1906 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޕޯސްޓްގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެންނެވެ. އަދި އަމިއްލަ ސްޓެމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރު އެވެ. އެ ސްޓޭމްޕަކީ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. އެ ސްޓޭމްޕަކީ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުންތައް ފެށުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.

ރާއްޖެ އަކީ 1967 ވަނަ އަހަރުން ފެށިގެން ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ގައުމެކެވެ. މޯލްޑިވްސް ޕޯސްޓަކީ ބައިނަލްއަގުވާމީ ޕޯސްޓަލް ސިސްޓަމްގައި ހިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުގެ އިތުރުން އީއެމްއެސް ކޯޕަރޭޓިވް މެމްބަރެކެވެ.

އީއެމްއެސް ނުވަތަ އެކްސްޕްރެސް މެއިލް ސާވިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކުންވެސް ލިޔެކިޔުމާއި ތަކެތި ފޮނުވުމަށާއި ލިބިގަތުމަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު، އިތުބާރު ހޯދާފައިވާ ހާއްސަ އަވަސް ހިދުމަތެކެވެ.

ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންނެއްގެ ގޮތުގައި 1994 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އުފެދިގެން ގޮސްފައިވާއިރު، ކުދި ވިޔަފާރިތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓްތަކާ ގުޅުވައިދީ، ބާރުވެރި ކުރުމުގައި ޕޯސްޓުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެގޮތުން އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ވިޔަފާރިކުރާ ފަރާތްތައް ރާއްޖެ އާއި ދުނިޔޭގެ މާކެޓްތަކާއި ގުޅުވައިދޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމްގެ ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަކީ ސީދާ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތަކަށް ހާއްސަ ބައެކެވެ. އަދި އީޓުކުރި އިންޓަނޭޝަނަލްއަކީ ރާއްޖެއިން ބޭރުން ތަކެތި ގަންނަ ފަރާތްތަކަށް އެ ތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ފުރިހަމަ ހައްލެއް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ.

ގަރުނަކަށްވުރެ ދިގު މާޒީގައި ޕޯސްޓްގެ ހިދުމަތް ފުޅާވެގެން ގޮސްފައި ވާއިރު، އެ ހިދުމަތަކީ ޒަމާނީ އަދި އީޖާދީ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވައިދީފައިވާ އަދި ވިޔަފާރި އާއި އަމިއްލަ ފަރުދުންގެ ބައިވެރި އެކެވެ. ޕޯސްޓްގެ ހިދުމަތަކީ ރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިޤްތިސާދު ކުރިއެރުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުންދާ އެއް ހިއްސާދާރެވެ.