Roadha Mihaaru

ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް، ކުނިން ހަކަތަ އުފެއްދުން އަންނަ އަހަރު

ތިލަފުށީގައި ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއު ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުން އަންނަ އަހަރު

ތިލަފުށީގައި ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއު ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޮ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) ގެ އެހީގައި ދިވެހި ސަރުކާރުން ވެސް ހަރަދު ކުރާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައި ވަނީ، މާލެ ސަރަހައްދާއި އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.

އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް އެޅުމާއި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބާ އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީ ކުރާނެ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ މަޝްރޫއު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު މިއަދު ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ މަޝްރޫއު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހަވީރު ތިލަފުއްޓަށް ވަޑައިގެންނެވުމުގެ ތެރެއިން، ތޯރިގު މީޑިއާތަކަށް ވިދާޅުވީ، މި މަޝްރޫއަށް މި ސަރުކާރުގައި އިތުރު ހަލުވިމިނެއް ލިބިގެން ކުރިއަށްދާ ކަމަށެވެ.

"މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ ޓެކްނޮލޮޖީ" ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގު މިއަދު ވަނީ އެކަން އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނެވޭނެ ކަން ހާމަކުރައްވައިފަ އެވެ.

"އެ ޕްރޮގްރާމް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު. ފޭސް 2 ގެ އިންސިނަރޭޓަރުގެ މަޝްރޫއަށް 145 މިލިޔަން ޔޫސްއެއް ޑޮލަރު ހަރަދުވާނެ. މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތް އަވަސް ކުރަން ރައީސް ވަނީ އިރުޝާދު ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، މި ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އަންދާއިރު، އަންދާ ކުނިން 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ މަޝްރޫއު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު މިއަދު ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ މަޝްރޫއު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ވަނީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައް ވެސް ބައްލަވާލައްވައިފަ އެވެ. ކުރިން ހުއްޓިފައި އޮތް "ކުނި ބޭލިން" ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފެއްދުމާއި އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، އެއް ދުވަހުން އެއް ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސަށް ހޭދަވާ ވަގުތު، ތިން ދުވަހުން، ފަސް ގަޑިއިރަށް ކުޑަކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާ އެކު، ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6،500 ޓަނުގެ ކުނި، ލޭންޑްފިލް ކަވާގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފަ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ އަހަރަށް ކުނި މެނޭޖް ކުރުމަށް 5،000 އަކަމީޓަރުގެ އާ ވޭސްޓް ސެލްއެއް ވެސް މިހާރު ވަނީ ހަދާފައި ކަމަށެވެ.