Roadha Mihaaru
އޭޑީބީޕްރޮޖެކްޓް ބިޑް ކުރުމުގައި ކޮރަޕްޝަން ނެތް:އޭސީސީ

ކުނިން ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓް ބިޑް ކުރުމުގައި ކޮރަޕްޝަން ނެތް ކަމަށް އޭސީސީން ނިންމައިފި

28 ސެޕްޓެމްބަރ 2021

ކުނިން ހަކަތަ އުފެއްދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުނިން ހަކަތަ އުފެއްދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމައިފި އެވެ.

އެ މަޝްރޫއުގެ ބީލަމަށް ކުރިމަތިލި ސައުތު ކޮރެއާގެ ޓެކްކްރޮސް އިން، ބީލަން އިވެލުއޭޝަންގެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ އެކަމާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ޓެކްކްރޮސް އިން ތުހުމަތުކުރާ ގޮތުގައި، އެ ކުންފުނިން އެންމެ ކުޑަ އަގެއް އަދި މަޝްރޫއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި އޮއްވައި އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގައި އޮޅުވައިލުމާއި ކޮރަޕްޝަން ހިމެނެ އެވެ.

ޓެކްކްރޮސް އިން ހުށަހެޅީ 294 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) އެވެ. ދެން ބިޑް ހުށަހެޅި ސްޕެއިންގެ އުރްބާސާ ހުށަހެޅީ 303 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އަދި ޗައިނާގެ އެންފީ އިންޖިނިއަރިންގެ އަގަކީ 390 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އެވެ. މި ކުންފުނިތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރީ އުރްބާސާއިންނެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މި ޕްރޮޖެކްޓްގެ ބިޑިން ޕްރޮސެސްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ކާމިޔާބު ކުރި ފަރާތް ހޮވީ، އޭޑީބީގެ އުސޫލުތަކާއި ރާއްޖޭގެ ބީލަން ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި އެންމެ ރަނގަޅު ކުންފުންޏެއް ހޮވުމުގައި ބަލަނީ ހަމައެކަނި އަގަށް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ނަމަވެސް ޓެކްކްރޮސްގެ ތުހުމަތަށް ބާރު ދެމުން އެ ކުންފުނިން ބުނީ މި މައްސަލައިގައި ރަސްމީ އިދާރާތަކާ ބައްދަލުކުރަން ކުރި މަސައްކަތަށް އެއްވެސް އިދާރާއަކުން ޖަވާބު ނުދިނުމަކީ ވެސް ކަމެއް ފޮރުވަން އުޅުން ކަމަށެވެ.

އެކަމަކު، ފިނޭންސް މިނިސްޓްރީން ބުނީ އެއީ އޭޑީބީގެ ޕްރޮޖެކްޓަކަށް ވާތީ، ނުހޮވުނުކަން އަންގައިދޭ ލިޔުން އެ އިދާރާ މެދުވެރިކޮށް ވެސް އެޕްރޫވް ކުރަން ޖެހޭ ކަމަށެވެ. ފިނޭންސް އިން ވަނީ ބިޑްގެ ހުރިހާ މަރުހަލާއެއް ވެސް ކުރިއަށް ގެންދަނީ ދެފުށް ފެންނަ، އުސޫލެއްގެ ތެރެއިން ކަމަށް ބުނެފަ އެވެ.

ތިލަފުށީގައި ވޭސްޓްމެނޭޖްމަންޓްގެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ