Roadha Mihaaru

ފަހު 10 ގައި ސަރުކާރު ބަންދުވުމުން އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށް

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވާތީ އެ މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 މާޗް 2025

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވާތީ އެ މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ރޯދަމަހުގެ ފަހު 10 އާއި ކުރިއަށް އޮތް ކުޑައީދުގެ ބަންދުތަކަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ 6 ގަ އެވެ. އަދި ރޯދަމަހަހުގެ ފަހު 10 އަށް މާދަމާ އިން ފެށިގެން ސަރުކާރު ބަންދު ވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރޯދަމަހުގެ ފަހު 10 ގައި އާންމުންނަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ބޭނުމުގައި ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އާ ދެމެދު ހިދުމަތް ލިބޭނެ އެވެ.

އެ މުއްދަތުގައި ހިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެ ނަމަ މިނިސްޓްރީން އާންމުކޮށްފައިވާ ސާވިސް ޕްރޮސެސިން ވަގުތަށް ބަދަލު އަންނާނެ ކަމަށް ވެސް ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓަރީ ކުރުމާ ގުޅޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ސާފުކުރުމުގެ ކަންކަން ވަންގަވްގެ ލައިވް ޗެޓާއި 1500 އަށް ގުޅައިގެން ވާނެ ކަމަށެވެ.

އެ މުއްދަތުގައި ފޮރިން އިންވެސްޓްމަންޓާ ބެހޭ ހިދުމަތަށް އެދޭ ނަމަ fiu@trade.gov.mv އަށް އެޕްލިކޭޝަން ފޯމު އީމެއިލް ކުރުމަށް މިނިސްޓްރީން އެދެ އެވެ. އެ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދާ ނަމަ، ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް 3333182 އަށް ގުޅުމަށް ވެސް މިނިސްޓްރީން އަންގަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބައްދަލުވުން ބާއްވަން ބޭނުންވާ ފަރާތްތަކަށް އޮންލައިން މީޓިން ބޭއްވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.