Roadha Mihaaru

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ ސުވާލު ފޮނުވަން ހުޅުވާލައިފި

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލައިފި އެވެ.

"ރައީސްގެ ޖަވާބު"އަށް ސުވާލު ފޮނުވަން ހުޅުވާލައިފި

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލުކުރަން ބޭނުންވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅާނީ، ރައީސް އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވެސް ކޮންމެ ރައްޔިތަކަށް ވެސް ބޭނުން ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅައި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާންމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެއްޓި ސިލްސިލާއެކެވެ.

މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.

ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށް ވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރަން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ އޮތީ ވަގުތީގޮތުން މެދުކަނޑައިލާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފެއްޓީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއް ވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.