Roadha Mihaaru

ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާކުރަނީ

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލައިގައި ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

ރައީސްގެ އާއިލާއިން މަންދީ އާއި ފައްޔާޒަށް ދައުވާކުރަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 މާޗް 2025

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލައިގައި ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމް ޝަކޫރު ވަނީ މި މައްސަލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވި ނޫސްބަޔާން އިއްވައިފަ އެވެ.

ފަސްޓް ލޭޑީގެ ނޫސްބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ،" ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، އެ ބޭފުޅުންގެ ފިރިހެން ދަރިކަލުން އުމަރައިރަށް ނިސްބަތްކޮށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހާއްސަކޮށް މިދިޔަ ދެތިން ދުވަހު ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ކުއްޖަކީ ގާނޫނޫން ރައްކާތެރިކަން ލިބިފައިވާ ކުއްޖެއް ކަމަށްވާއިރު، ފަސްޓްލޭޑީ ވިދާޅުވެފައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން ކުދިންގެ ކަރާމާއި އަބުރަށް ގެއްލުންވާ ކަންކަން ހިނގަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއީ މަންމައެއްގެ ހައިސިއްޔަތު އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ވަކީލު އާޒިމާ ވިދާޅުވީ، ރައީސްގެ އެންމެ ތުއްޕުޅު ދަރިކަލުންގެ ފޮޓޯ އާއި ދަރިކަލުންގެ އިތުރު ފޮޓޯތައް އާންމުކޮށް އިދިކޮޅުން މަސައްކަތްކުރަނީ ހޭޓް ސްޕީޗު ފެތުރުމަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ދަރިކަލުންގެ ކަރާމާރަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، މި ނިންމުމަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދި ނިންމާފައިވަނީ މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތަކައިގެން ކުރިއަށް ގެންދިއުމަށެވެ. ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެ ކަމުގައި އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.