Roadha Mihaaru

ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ވޭފްގެ ވިޔަފާރިކުރާ ތަނެއް ރޭ ބަލައި ފާސްކޮށް، އެ ތަނުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 މާޗް 2025

މާލޭގައި ފުޅާދާއިރާއެއްގައި ވޭފްގެ ވިޔަފާރިކުރާ ތަނެއް ރޭ ބަލައި ފާސްކޮށް، އެ ތަނުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ އެމްޑީ އަބޫ ސުފްޔާން، 27 އެވެ.

އޭނާ ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ކެފޭ ބަލައި ފާސްކުރިއިރު 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވޭޮޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސުފިއަން.-- ފޮޓޯ: ޕޮލިސް

ވޭޮޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސުފިއަން.-- ފޮޓޯ: ޕޮލިސް

ގަލޮޅުގައި ހުންނަ އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، އެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ފުލުހުންނަށް ކުރިން ނުލިބެ އެވެ.

ނަމަވެސް އޭގެ ފަހުން، ހެލްތު މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.

ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.