Roadha Mihaaru

އާންމުން ޓީވީ ބަލައި، ރޭޑިއޯ އަޑުއަހާ މިންވަރު ބްރޮޑްކޮމް އިން ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އާންމުން ޓީވީ ޗެނަލްތައް ބަލައި ރޭޑިއޯ ޗެނަލްތައް އަޑުއަހާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.

އާންމުން ޓީވީ ބަލައި ރޭޑިއޯ އަޑުއަހާ މިންވަރު ބަލަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ފެބުރުއަރީ 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އާންމުން ޓީވީ ޗެނަލްތައް ބަލައި ރޭޑިއޯ ޗެނަލްތައް އަޑުއަހާ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.

ބްރޮޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ‎ކޮމިޝަނުން އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް އެފަދަ ރެކޯޑެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަންކުރުމަށް ވެސް ވަރަށް މުހިންމު މައުލޫމާތެއް ކަމަށް ބްރޮޑްކޮމް އިން ބުންޏެވެ.

‎ބްރޮޑްކޮމް އިން ބުނީ އެ މައުލޫމާތު އެއް ކުރުމަށް ނިންމައި، އެ މައުލޫމާތު ގަވާއިދުން އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބްރޮޑްކޮމްގެ ރައީސް ސޮފާ ޝަފީގު ވިދާޅުވެފައިވަނީ ވިއުވާ އެންގޭޖުމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށެވެ. އަދި ބްރޮޑްކާސްޓަރުން އެކަމަށް ވަރަށް ގިނައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

‎"މި މައުލޫމާތާ އެކު ޗެނަލްތަކުން ވިއުވާ އެންގޭޖްމަންޓަށް ބަލާ ކޮންޓެންޓް އުފައްދާ ތަރައްގީ ކުރެވޭނެ. ބެލުންތެރިން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ. މިއީ މިހާރު ނިއު މީޑިއާގައި ވެސް ހާމަކޮށް ފެންނަން ހުންނަ މައުލޫމާތު،" ސޮފާ ވިދާޅުވި އެވެ.

‎ބްރޯޑްކާސްޓް ކުރުން އަދި ރީ-ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ފަރުމާ ކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވާއިރު، އާންމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރެކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.