Roadha Mihaaru
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި

ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައި، ޗެނަލް 13 ގެ މައްސަލަ ބަލަނީ

29 މެއި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވާ ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވާ ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން ޗެނަލް 13 އަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ، ރައީސަށް ވަގަށް ގޮވައި އުފައްދާފައިވާ ލަވަތައް ހިމެނޭ ކޮންޓެންޓްގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު މަންޒަރާއި އަޑު އެ ޗެނަލުން ބްރޯޑްކާސްޓް ކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނިގޮތުގައި ޗެނަލް 13 އިން އެ ލަވަ ދެއްކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.

އެ މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ޗެނަލް 13 އިން އެ ލަވަތައް ނުދައްކަން އަންގަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން އެ ކޮންޓެންޓް ރައްކާ ކޮށްފައި ބަހައްޓަން ވެސް ބްރޯޑްކޮމުން ޗެނަލް 13 އަށް އެންގި އެވެ.

އެ މައްސަލަ ބަލަން ފެށުމާ ގުޅިގެން ބްރޯޑްކޮމުން ޗެނަލް 13 އަށް ބިރު ދައްކާ ކަމަށް ބުނާ ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މަޖިލިހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ބާރާއެކު އެ މައްސަލަ މަޖިލިހުން ބޭރުކޮށްލި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމުގެ ތުހުމަތު އޭރު އޮތެވެ. ބައެއް ޓީވީ ސްޓޭޝަންތަކުން ބްރޯޑްކާސްޓް ކުރާ އެފަދަ ކޮންޓެންޓުތައް ހުއްޓާލަން އެންގުމާއި ސްޓޭޝަންތައް ޖޫރިމަނާ ކުރާ އެތައް މައްސަލައެއް ހިނގި އެވެ. އެ މައްސަލާގައި އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.

މި ސަރުކާރުގައި އެފަދަ ހަރުކަށި ފިޔަވަޅުތަކެއް ނޭޅި ކަމުގައިވީ ނަމަވެސް ސަރުކާރުގެ ނުފޫޒު އެ ކޮމިޝަންގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާ ކަމުގެ ތުހުމަތު އަދިވެސް އޮވެ އެވެ.

ބްރޯޑްކޮމްގެ މެންބަރުން:

1. ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު މަރިޔަމް ވަހީދާ.

2. ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން.

3. ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު ސަފާ ޝަފީގް.

4. ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް.

5. ވީޓިވީގެ ކުރީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ.

6. ސަންގު ޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް.