Roadha Mihaaru
ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް ފީ ނަގަނީ

ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައިފި

18 ޖެނުއަރީ 2022

ރާއްޖޭގެ ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް އަހަރީ ލައިސަންސް ފީ ނަގަން ނިންމާ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް އަހަރީ ލައިސަންސް ފީ ނަގަން ނިންމާ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އާންމުކުރި ބްރޯޑްކާސްޓުކުރުމުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަތަރު ބަޔަކަށް ބެހިގެންވާ ކަމަށެވެ. އެއީ ރޭޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ޓީވީގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ސްޓްރީމް ޕްލެޓްފޯމުތަކުގެ ތެރޭގައި ހިމެނޭ އޯޓީޓީ އޯޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި އަދި އޯޓީޓީ ވިޒުއަލްގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސެވެ.

ރާއްޖޭގައި ސްޓްރީމިންގެ ހިދުމަތް ދޭ ފަރާތްތައް ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބައިސްކޯފާއި ލަވަފޮއްޓާއި ޕީއެސްއެމް ކަނެކްޓާއި ދިރާގު ޕްލޭ އަދި މީޑިއާނެޓް މަލްޓި ސްކްރީން އަކީ ފާހަގަކޮށްލެވޭ ބައެއް ޕްލެޓްފޯމުތަކެވެ.

ފީގެ އަގުތައް ވަނީ ކުޑަކޮށްފައި

ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރުގެ ފީ އާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ވެސް ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފަ އެވެ. ރޭޑިއޯ އާއި ޓީވީގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަށް ދައްކަން ޖެހޭ ފީގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގައި އެ ހިދުމަތް ރަޖިސްޓްރީކުރުމަށާއި ލައިސަންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ނަގާ ފީއަށް ބޮޑު އަދަދެއް ކުރިން ދައްކަން ޖެހެ އެވެ.

ކުރިން ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން 2،000ރ. ދައްކަން ޖެހުނަސް، އާ ގަވާއިދުގައިވާ ގޮތުން މިހާރު ދައްކަން ޖެހޭނީ 500ރ. އެވެ.

ކޮންމެ އަހަރެއްގެ މާޗުގެ ކުރިން ދައްކަން ޖެހޭ އަހަރީ ފީ އަށް ގެނައި ބަދަލުތަކަކީ؛

• ރޭޑިއޯތަކުން 10،000ރ.

• ޓީވީތަކުން 20،000ރ.

• ސްޓްރީމިން އޯޑިއޯ ޕްލެޓްފޯމުތަކުން 2،000ރ.

• ސްޓްރީމިން ވިޒުއަލް ޕްލެޓްފޯމުތަކުން 2،000ރ.

އިސްލާހު ގެނައި ގަވާއިދުގައި ވަނީ ކުރީގެ ގަވާއިދުގައި ވެސް ހިމަނާފައި ހުރި ބްރޯޑްކާސްޓިން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ގޮތާއި ޖޫރިމަނާ ކުރާނެ ގޮތް ވެސް ހިމަނައިފަ އެވެ.

އިއްޔެ އިން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށިއިރު، މި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާ ގުޅޭ އުސޫލާއި ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ.